ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުރިއަށްދާ އިރު، ރޭ ކުޅެފައި ވަނީ ގްރޫޕް އޭ، ބީ އަދި ސީގެ އިތުރުން ގްރޫޕް ޑީގެ މެޗުތަކެވެ.

އޭގެ ތެރެއިންވެސް ހުރިހާ ލޯތަކެއް އަމާޒުވީ ގްރޫޕް ބީއާއި ގްރޫޕް ސީގެ މެޗުތަކަށެވެ. އޭގެ ތެރެއިން ކޮންމެ ގްރޫޕަކުންވެސް ވަރުގަދަ ޓީމުތަކެއް ކަޓައިގެންދާނެ ކަން ކުރިންވެސް އެނގިފައި އޮތުމުންނެވެ.

ގްރޫޕް ބީއަށް ބަލާ އިރު، ރޭގެ މެޗަށް ނުކުތް އިރުވެސް ބާސެލޯނާއަށް އޮތީ ގްރޫޕްގެ އެއްވަނަ ޔަގީންވެފައެވެ. އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ނުކުތް އިރު، އެ މެޗަކީ ޓޮޓެންހަމްއަށް މަރުގެ މެޗެކެވެ.

ބާސާ ކައިރިން ޓޮޓެންހަމް މޮޅުވި ނަމަވެސް، އެޓީމަށް ގަދަ 16 ޔަގީންވާނީ އެ ގްރޫޕްގައި އިންޓަ މިލާނާއި ޕީއެސްވީ ކުޅޭ މެޗުގެ ނަތީޖާއަށްވެސް ވާ ގޮތަކުންނެވެ. އަމިއްލަ ބާރު އޮތީ އިންޓަ އަތުގައެވެ. އެހެން ނަމަވެސް، ރޭގެ މެޗުގައި އިންޓައިން އެ ބޭރު ނަގާލި އިރު، ފައިދާ ނެގީ ޓޮޓެންހަމްއިންނެވެ.

އިންޓައިން ޕީއެސްވީއާ 1-1އިން އެއްވަރުވި އިރު، ޓޮޓެންހަމްއިންވެސް ވަނީ ފަހުވަގުތު ބާސާ ކޮޅަށް ގޯލެއް ޖަހައި، 1-1ގެ ނަތީޖާއަކުން މެޗު އެއްވަރު ކޮށްފައެވެ. އެ ޕޮއިންޓާއެކު އިންޓައާ ޓޮޓެންހަމްއަށްވެސް އަށް ޕޮއިންޓް ލިބޭ އިރު، ފައިދާ ގޯލްގެ އަދަދަކީވެސް -1 އެވެ. ސްޕާސްއަށް ކުރި ލިބެނީ ޖެހި ގޯލުންނެވެ.

ރޭގެ މެޗަށް ބާސާއިން މެސީއާއި ސުއަރޭޒް ފަދަ މުހިއްމު ކުޅުންތެރިން ރެސްޓް ކުރި އިރު، މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިދިނީ އޮސްމާން ޑެމްބޭލޭއެވެ. ބާސާއިން ލީޑު ނެގި ނަމަވެސް، ކޮލިފިކޭޝަންއަށް ހަނި ފުރުސަތަށް ސްޕާސްއިން ހިތްވަރު ކުރިއެވެ.

ހެރީ ކޭންއާއި އެޗްއެމް ސޮންގެ ހަމަލާތައް ފާހަގަކޮށްލެވުނު އިރު، މެޗުގެ ނަތީޖާ ބަދަލުކޮށްލީ 85 ވަނަ މިނެޓުގައި ލޫކަސް މޯރާ ޖެހި ގޯލުންނެވެ.

ރޭ ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލްވެސް ގަދަ 16އަށް ދިޔައީ މަރުގެ މެޗެއްގައި ތަފާތު ދައްކައިގެންނެވެ.

ގްރޫޕް ސީގެ އެއްވަނަ ޕީއެސްޖީއަށް ލިބުނު އިރު، ނަޕޯލީއާއި ލިވަޕޫލް ވާދަކުރި މެޗުން މޮޅުވާ ޓީމަކަށް ގަދަ 16 ހުޅުވާލެވިފައި އޮތެވެ. އެހެން ނަމަވެސް ލިވަޕޫލަށް މޮޅުވާން ޖެހެނީ ކޮޅަށް ގޯލެއް ނުވައްދާ، ނޫނީ ފައިދާ ދެ ގޯލްގެ ތަފާތުންނެވެ.

އެންފީލްޑްގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. ތަފާތަކަށްވީ މެޗުގެ 34 ވަނަ މިނެޓުގައި ސަލާހް ޖެހި ގޯލެވެ.

މެޗުގައި ހަމަލާތައް ގިނަކޮށް ފެނުނު އިރު، ލިވަޕޫލް ގޯލްކީޕަރު އެލިސަން ބެކާގެ ތަފާތު ފެނުނެވެ. މިލިކްއާއި މާޓެންސްގެ ހަމަލާތައް އެލިސަން ދިފާއުކުރި އިރު، އަނެއްކޮޅުން ނަޕޯލީގެ ގޯލްކީޕަރު އޮސްޕީނާވެސް ތަފާތު ދެއްކިއެވެ. ސަޑިއޯ މާނޭއާއި ސަލާހްގެ އިތުރު ހަމަލާތަކެއްވެސް އޮސްޕީނާ މަތަކުރިއެވެ.

ޗެމްޕިއަންސް ލީގުގެ ވަރުގަދަ މެޗުތަކެއް މިރޭވެސް އޮންނާނެއެވެ. މިރޭ އޮންނާނީ މި ސީޒަންގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަަަަސްލޭ

    ކުޅިވަރުގެ ވާހަކަ ލިޔާމީހުން މިއައްވުރެ މައުލޫމާތު އެންގެންޖެހޭ އެބަ. ޓޮޓެންހަމް އައް އަމިއްލަބާރު އޮތް. ޗެންސްޕިއަން ލީގުގަ ޕޮއިންޓް އެއްވަރުވީމަ ނުބަލާނެ ފައިދާ ގޯލަކަށަ. ދެޓީމުގެ މެޗުތަކުން ކުރިލިބޭ ޓީމެއް ދާނީ. އެގޮތުން ރޭގެ މެޗް ފެށިއިރުވެސް ކުރީގަ އޮންނާނީ ޓޮޓެންހަމް.