ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން އިންގްލޭންޑުން ބޭރަށް ގޮސްފިނަމަ އަލުން އެ ގައުމަށް އެތެރުވުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެތީ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯ އެ ގައުމުގައި މަޑުކޮށްފިއެވެ.

އިގާލޯއަކީ ކުރިން ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

އެގޮތުން ޗައިނާގައި މިދިޔަ މަހުން ފެށިގެން ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން މިހާރު ޗައިނާގައި އުޅުނު މީހުން އެކި ގައުމުތަކަށް އެތެރެވުމުގައި ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި 14 ދުވަސްތެރޭ ޗައިނާގައި އުޅެފައިވާ މީހަކަށް އަލުން އިންގްލެންޑަށް އެތެރެވުމުގައި ދަތިތަކެއް ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ ސަބަބަށް އިގާލޯ ޔުނައިޓެޑް ޓީމާ އެކު ސްޕެއިނަށް ނުދާނެ ކަމަށެވެ.

ޔުނައިޓެޑުން ސްޕެއިނަށް ފިނި މޫސުމުގެ ޓްރެނިން ކޭމްޕަކަށް ގޮސްފައިވާއިރު އިގާލޯ ވަނީ މަޑުކޮށްފަ އެވެ. މިކަމާއި ގުޅިގެން އިގާލޯ ބުނީ ސްޕެއިނަށް ދިއުމަށް ފަހު އަލުން އިންގްލެންޑަށް އެތެރެވުމުގައި މައްސަލަތަކެއް ދިމާވެ، އޭނާ ކަރަންޓީނުކޮށްފާނެތީ ޖެހިލުންވާ ކަމަށެވެ.

މިކަމާއި ގުޅިގެން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ސްޕެއިންނަށް އަންނަން އިގާލޯ ބޭނުންވާ ކަމަށާއި ނަމަވެސް ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުރުމުން އެންމެ މުހިއްމު ކަމަކީ އިގާލޯ އިންގްލެންޑްގައި މަޑުކުރުން ކަމަށެވެ. މީގެ އިތުރުން މި ނިންމުމަށް ކުޅުންތެރިޔާ އިގާލޯ ވެސް ހިތްހަމަ ޖެހޭ ކަމަށާއި އޭނާގެ ޓްރެއިނިން ސެޝަންތައް އެ ގައުމުގައި ކުރިއަށް ދާނެ ކަމަށްވެއެވެ.

ސްޕެއިންގެ ޓްރެއިނިން ކޭމްޕްގައި ބައިވެރިވުމަށް އިގާލޯ ޔުނައިޓެޑް ޓީމާ އެކު ދަތުރުކުރިނަމަ އަލުން އިންގްލެންޑަށް އިތުރުވުމުގައި ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. އަދި އެނބުރި އިންގްލެންޑަށް އައުމުން އޭނާ ކަރަންޓީނުކޮށްފިނަމަ އަންނަ ހަފްތާގައި ލީގުގައި ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗު އޭނާ ގެއްލުމުގެ ފުރުސަތު އޮންނާނެއެވެ.

އުމުރުން 30 އަހަރުގެ އިގާލޯ ޔުނައިޓެޑަށް ގެނައީ އެ ޓީމުގެ ފޯވާޑް ލައިނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. މި ވަގުތު ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑް އަނިޔާގައި ހުރިއިރު އެންތަނީ މާޝިއަލް އަށް ވެސް ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު