މީގެ 60 ވަރަކަށްއަހަރު ކުރިން ހިނގާދިޔަ ޔޫރަޕިއަން އެއާލައިންސް ފްލައިޓުން ހާދިސާއިން ސަލާމަތްވި މެންޗެސްޓާ ޔުނައިޓެޑް އަށް ކުރިން ގޯލް ކީޕަރު ކަން ކޮށްދިން ހެރީ ގްރެގް މައުވެއްޖެއެވެ.

ހެރީ ގްރެގް މަރުވެފައިވަނީ އޭނާގެ އުމުރުން 87 އަހަރުގައެވެ.

ހެރީ އަކީ 1958 ވަނަ އަހަރު ހިނގާދިޔަ ނުރައްކާތެރި މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާގައި ސަލާމަތްވި އެކަކެވެ. އޭރު އެހާދިސާގައި ޔުނައިޓެޑްގެ 21 ކުޅުންތެރިއަކު ވަނީ މަރުވެފައެވެ. އޭނާ ވަނީ އެ ބޯޓުން ބަނޑުބޮޑު އަންހެނެއްގެ އިތުރުން 2 އަހަރުގެ ކުއްޖަކު ވެސް ސަލާމަތް ކޮށްފައެވެ. އެހެން ކަމުން އޭނާ ވެފައިވަނީ އެހާދިސާގެ "ހީރޯ" އަށެވެ.

ހެރީ މެންޗެސްޓާ ޔުނައިޓެޑް އާއި ގުޅުފައިިވަނީ 1957 ވަނަ އަހަރުއެވެ. އޭނާ އެ ކްލަބް ދޫކޮށްފައިވަނީ އޭގެ 9 އަހަރު ފަހުންނެވެ.

ހެރީ މަރުވެފައިވާ ކަން އަންގާފައިވަނީ އޭނާގެ ފައުންޑޭޝަނުންނެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އަދި މަރުވި އިރު އޭނާގެ އަރިހުގައި އާއިލާގެ މީހުން ތިބި ކަމަށް އެފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހެރީގެ މަރާއި އެކީ މުޅި ފުޓްބޯޅައަށް ލޯބި ކުރާ ފަރާތްތަކުން ވަނީ އޭނާ އަކީ މޮޅު ކުޅުންތެރިއަށް ކަމަށާއި އެންމެގެވެސް ލޯބި ލިބިފައިވާ މީހެއް ކަން އިއުލާނު ކޮށްފައެވެ. އަދި ގިނަ ކުޅުންތެރިންގެ އިތުރުން ކްލަބްތަކުން ވެސް ވަނީ އޭނާގެ މަރުގެ ހިތާމައިގައި ބައިވެރި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު