އެވަޓަންގެ ޑިފެންޑަރު ޔެރީ މިނާއަށް އަނިޔާގެ ސަބަބުން ޕްރިމިއާ ލީގު އަލުން ފަށާއިރު ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ކުރިޔަށް ދިޔަ ފަރިތަކުރުންތަކުގައި އޭނާގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެތިން ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެވަޓަން އިން ވަނީ ބުނެފައެވެ.

މި މަހު އަނެއްކާ ފެށުމައް ހަމަޖެހިފައިވާ ޕްރިމިއާ ލީގުގައި އެވަޓަން ކުޅޭ ފުރަތަމަ މެޗުގައި ލިވަޕޫލްއާ ކުރިމަތި ލާއިރު ޔެރީ މިނާ އަށް ނުކުޅެވޭނެއެވެ. ކޮލޮމްބިއާގެ ޑިފެންޑަރު ޔެރީ މިނާ ވަނީ މި ސީޒަންގައި މިހާތަނަށް އެވަޓަންއަށް 25 މެޗު ކުޅެދީ ދެ ލަނޑު ޖެހިއެވެ.

ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗުގައި ޔެރީ މިނާއަށް ނުކުޅެވުމަކީ އެވަޓަން އަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޔެރީ މިނާއަކީ ކުރިން ބާސެލޯނާ އާއި ޕެލްމެއިރަސް އަށް ކުޅުނު ކުޅުންތެރިޔެކެވެ.

އުމުރުން 25 އަހަރުގެ ޒުވާން ޑިފެންޑާ ޔެރީ މިނާގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް އަލުން ކުޅުމުގެ ތެރޭގައި ބައިވެރިވެވޭނެ ވަކި ތާރީހެއް އަދި އެނގިފައެއް ނުވެއެވެ.

މިދިޔަ ވޯލްޑް ކަަޕްގައި ކޮލަމްބިޔާ ޓީމުގައި ޔެރީ މިނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ ތިން ލަނޑު އެ މުބާރާތުގައި ކާމިޔާބުކޮށްފައެވެ. 2018 ވަނަ އަހަރުގައި ޔެރީ މިނާ ވަނީ ބާސެލޯނާ އާއި އެކު ލަލީގާ އަދި ކޮޕަ ޑެލްރޭ ކާމިޔާަބު ކޮށްފައެވެ.