ކޮވިޑް-19 ޖެހިގެން އިންޑިއާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ހަމްޒާ ކޮޔާ މަރުވެއްޖެއެވެ.

އުމުރުން 61 އަހަރުގެ ހަމްޒާއަކީ މުމްބާއީގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ, "ސަންތޯޝް ޓްރޮފީ" މުބާރާތުގައި މަހަރަސްތްރަ ތަމްސީލު ކޮށްދީފައިވާ ކުޅުންތެރިއެކެވެ. ދާދި ފަހުން އޭނާގެ އުފަން އަވަށެއް ކަމަށްވާ ޕަރަޕަނަގަޑިއަށް ބަދަލުވެފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

އޭނާގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފަށާފައިވަނީ 26 ވަނަ ދުވަހުއެވެ. އަދި ވަގުތުން މަންޖެރީ މެޑިކަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވުނު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އޭގެ ފަހުން ފަރުވާ ދެމުން ގެންދަނިކޮށް މީގެ ދެ ދުވަސް ކުރިން ނޭވާލާން އުނދަގޫވެގެން ވެންޓިލޭޓަރަށް ވަނީ ބަދަލު ކޮށްފައެވެ.

ވެންޓިލޭޓަރުގައި އޭނާ އޮތްއިރު ވެސް ހާލަތަށް ބަދަލެއް ނައިސް މަރުވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އޭނާއަށް ފަރުވާ ދެމުން އައި ޑޮކްޓަރުން ވަނީ ހާމަ ކޮށްފައެވެ.

ކޮވިޑް-19 ޖެހިގެން ހަމްޒާ މަރުވެފައިވާ އިރު، އޭނާގެ އާއިލާގެ ފަސް މީހަކު ވެސް މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށާއި ނަމަވެސް އެންމެންގެ ހާލު ރަނގަޅު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ދެ ލައްކައަށްވުރެ މަތީގައި އުޅޭ އިރު، ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 6,650 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު