އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ޖެހި ދެ ގޯލާއެކު މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މޭސަން ގްރީންވުޑް ކުޅެފައިވެއެވެ. އަދި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑުވެސް ޖަހާފައިވަނީ އޭނާއެވެ.

މެޗުގައި ބްރައިޓަން ލީޑު ނަގާފައިވަނީ 13 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ޑެނީ ވެލްބެކް އެވެ. މި ލަނޑަށްފަހު ޔުނައިޓެޑުން މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ރަނގަޅު ހަމަލާތަކެއް އުފައްދާފައިވެއެވެ. ނަމަވެސް ފުރަތަމަ ހާފު ޔުނައިޓެޑް ނިންމާލީ ހުސްއަތާއެވެ.

އެއް ގޯލުގެ ލީޑަކާއެކު ބްރައިޓަން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ކުޅުން ބޮޑުތަން ރަނގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. ބްރޫނޯ ފެނާންޑޭސްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ.

ޔުނައިޓެޑް މެޗުން މޮޅުވި ލަނޑު ުޕައުލް ޕޮގްބަގެ އެހީއާއެކު މޭސަން ގްރީންވުޑް ޖަހާފައިވަނީ 83 ވަނަ މިނެޓުގައެވެ. މިއީ އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ މި ސީޒަނުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އެންމެފަހުން އޭނާ ލީގު މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. އަދި މި ސީޒަނުގެ ހުރިހާ މުބާރާތަކުން ޖުމްލަކޮށް އޭނާ ޖެހި ހަވަނަ ލަނޑެވެ.

މޭސަން ގްރީންވުޑް ވަނީ މިދިޔަ ސީޒަނުގައި އިނގިރޭސި ގައުމީ ޓީމާއެކު ކޭމްޕުކުރަން އުޅުމުގެ ތެރޭގައި ކޮވިޑުގެ އުސޫލުތަކާއި ހިލާފުވުމުގެ ސަބަބުން އަދަބުދީފައެވެ. އެއީ އައިސްލޭންޑުގައި ޓީމު ކޭމްޕުކުރި އިރ އެތަނަށް އަންހެން ކުދިންތަކެއް ގަވާއިދާއި ހިލާފަށް ވެއްދި މައްސަލައިގައެވެ.

'
މި މޮޅާއެކު ޔުނައިޓެޑް އޮތީ ކުޅުނު 30 މެޗުން ލިބުނު 60 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އަދި އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި 14 ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު