އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑާއެކު އެ ޓީމުގެ އުރުގުއޭގެ ތަރި އެޑިންސަން ކަވާނީ ހަދާފައިވާ އެއްބަސްވުން އާކުރަން އޭނާ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ސީޒަނަށްފަހު އޭނާ ދޫކޮށްލަން އުޅޭކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް އަލަށް ސޮއިކުރަން ތައްޔާރުވަނީ އިތުރު ތިން އަހަރުދުވަހަށް އެ ކުލަބުގައި މަޑުކުރާ ގޮތަށެވެ.

އުމުރުން 34 އަހަރުގެ ފޯވާޑް އަށް ލަނޑުޖެހުމުގައި ގިނަ ގޮންެޖެހުންތަކެއް ކުރިމަތިވި ނަމަވެސް ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާގެ ވިސްނުން ބަދަލުވީ އެންމެފަހުން ޔުރޮޕާ ލީގުގައި ރޯމާ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގައި ކަވާނީގެ ދެ ލަނޑު ފެނިގެންދިޔަ އިރު ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް އޭނާ ތަނަވަސްކޮށްދިނެވެ.

ކަވާނީ ޔުނައިޓެޑާއި ގުޅުނީ މިދިޔަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ. އޭނާ ޔުނައިޓެޑާއި ގުޅުނީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބެލެވޭގޮތުގައި މި ހަފުތާގެ ތެރޭގައި ކަވާނީ އާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އާކުރާނެއެވެ.

ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުނީ ކަވާނީ އަކީ ތަޖުރިބާކާރު މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ތަޖުރިބާ ޓީމަށް ވަރަށް މުހިއްމު ކަމަށެވެ. އަދި ކަވާނީ އަކީ ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިދޭނެ ކުޅުންތެރިއެއްކަން ގަބޫލުކުރާ ކަަމަށްވެސް ބުންޏެވެ.

ޕީއެސްޖީގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު އޭނާ ޔުނައިޓެޑާއި ގުޅުމަށްފަހު ކަވާނީ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 33 މެޗުގައި 12 ލަނޑު ޖަހައިދީފައެވެ.