މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުގައި ކޮމޮރޯސް އާއި ކެމަރޫން މިރޭ ނުކުންނަ އިރު، ކޮމޮރޯސް އަށް ކީޕަރުން ނެތުމުގެ މައްސަލަ ކުރިމަތިވެއްޖެއެވެ.

ކޮމޮރޯސްގައި ކީޕަރުންގެ ގޮތުގައި ސްކޮޑްގައި ތިބި ތިން މީހުންގެ ތެރެއިން ސާލިމް ބެން ބޮއިނާ އަށް ވަނީ އަނިޔާވެފައެވެ. އަދި އަލީ އަހަމަދާ އާއި މޮޔާދް އޮސެއިނީ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަވައިދު ބުނާ ގޮތުން 11 ކުޅުންތެރިންނަށް އަނިޔާއެއް ނުލިބި ފިޓްކޮށް ތިބޭ ނަމަ، މެޗު ކުޅެން ޖެހޭނެއެވެ. އެހެންވެ، މެޗު ފަސް ކުރެވޭނީ 11 ކުޅުންތެރިން ނެތް ހާލަތެއްގައި އެކަންޏެވެ. މި ސަބަބާ ހުރެ، ކޮމޮރޯސް ވަނީ އިތުރު އެހެން ވިސްނުމަކަށް ދާން ޖެހިފައެވެ.

ކޮމޮރޯސްގެ ގޯލްކީޕަރު ޓްރެއިނަރު އަދި ކޯޗު ޖީން ޑެނިއަލް ޕަޑޮވާނީ ބުނީ ކޮމޮރޯސްގެ ސްކޮޑްގައި ހިމެނޭ އެއްވެސް ކީޕަރަކަށް ނުކުޅެވޭތީ ގޯލަށް އަރާނީ ކުޅުންތެރިއަކު ކަމަށެވެ.

"އަހަރުމެން މިހާރު ވަނީ އެ ކުޅުންތެރިޔާ ކަނޑައަޅާފައި. އެ ކުޅުންތެރިޔާ ގޯލް ކީޕަރަކަށް އަރާނީ،" ޕަޑޮވާނީ ބުންޏެވެ.

"އެ ކުޅުންތެރިޔާއަކީ ޕްރެކްޓިސްތަކުގައި ގޯލްކީޕަރަކަށް ކުޅެވޭނެ ކަން ދައްކައިދިން ކުޅުންތެރިއެއް،"

ދުނިޔޭގެ ރޭންކިންގައި 132 ވަނައިގައި އޮތް ކޮމޮރޯސް ޓީމުގެ ކުޅުންތެރިންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑް-19 ވަނީ ފައްސިވެފައެވެ. އަދި މެނޭޖްމަންޓްގެ ބައެއް މީހުން ވެސް ކޮވިޑަށް ފައްސިވެފައިވެއެވެ.

ކޮވިޑަށް ފައްސިވެފައިވާ ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރު ކަސިމް އަބްދުﷲ އާއި އެލްކްސިސް ސޯހީ އާއި މިޑްފީލަރު ނަކިބޫ އަބޫބަކާރީ އާއި ޔާސިން ބޯހާން އަދި ފޯވާޑް މުހައްމަދު ޗަންގަމާ ހިމެނެއެވެ. އަދި ކޮމޮރޯސްގެ ކޯޗު އާމިރު އަބްދޫ ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއީ ކޮމޮރޯސް މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ކޮމޮރޯސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 3-2 އިން ގާނާ ބަލިކޮށްގެންނެވެ. ގްރޫޕް ސީގެ ތިން ވަނަ އެ ޓީމަށް ލިބުނީ ތިން ޕޮއިންޓް ހޯދައިގެންނެވެ.

ކޮމޮރޯސް އާއި ކެމެރޫން ބައްދަލު ކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރުއެވެ.