އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދި ސެނެގާލް ގައުމީ ފުޓުބޯޅަ ޓީމު އެނބުރި ގައުމަށް ދިއުމުން ބަތަލުންގެ ފެންވަރުގެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއީ ސެނެގާލްގެ ފުޓުބޯޅަ ތާރީހުގައި އެ ގައުމުން އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.

އެނބުރި ގައުމަށް ދިއުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއާޕޯޓު ސަރަހައްދަށް ޖަމާވެ ޓީމަށް މަރުހަބާކިޔާފައެވެ. އަދި ސެނެގާލްގެ ވެރިރަށް ޑަކާރް ގެ މަގުތަކުގައި ވެސް ވަނީ ޓީމާއެކު ގިނަ ބަޔަކު އުފާފާޅުކުރަން ޖަމާވެފައެވެ.

ސެނެގާލްގެ މަގުތަކުގައި ގައުމީ ޓިމުން ބޭއްވި ބުރުގެ ތެރެއިން

އެއާޕޯޓުން ޓީމަށް މަރުހަބާކިޔުއްވީ ސެނެގާލްގެ ރައީސް މެކީ ސާލް އެވެ. އަދި އެ ގައުމުގެ ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ޓީމު ގައުމަށް އައުމަށްފަހު ދެން އޮތީ ތަށި ދައްކާލާ އުފާފާޅުކުރުމުގެ ބުރެކެވެ.

މި ބުރު ޖަހާފައިވަނީ ބޮޑު ބަހެއްގައެވެ. ބަހުގެ މައްޗަށް އަރާ ބައެއް ކުޅުންތެރިން ވަނީ އާންމުންނަށް ތަށި ދައްކާލާފައެވެ.

"މިއީ ސެނެގާލްގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކަމެއް، މިވަރުގެ ކަމެއް އަހަރެންގެ ހަޔާތުގައި ވެސް ނުދެކެން" ސެނެގާލްގައި މަސައްކަތްކުރާ ބީބީސީގެ އޮފިޝަލަކު ބުންޏެވެ.

އެއްވެ ތިބި އެ ގައުމުގެ އާންމު ރައްޔިތުންގެ މޫނުން ފެނުނީ އުފާވެރިކަމެވެ. އަދި އެއްބަޔަކު ދިޔައީ މި ބުރު ޖަހަމުންދިޔަ އިރު އުފަލުން ރޮމުންނެވެ. މީގެތެރޭގައި އުމުރުން 17 އަހަރުގެ ދަރިވަރެއް ކަމަށްވާ ޑިއޭ އެމްބާޔޭ ހިމެނެއެވެ.

"މިކަން އަހަރެންގެ މުޅި ހަޔާތުގައި ވެސް ދެމިހުންނާނެ، 60 އަހަރު މި ވީ މިވަރުގެ ކާމިޔާބީއެއް މި ގައުމަށް ނުލިބޭތާ" އެމްބާޔޭ ބުންޏެވެ.

މި ކާމިޔާބީއާއި އެކު ސެނެގާލް ސަރުކާރުން ވަނީ ހޯމަ ދުވަހަކީ އެ ގައުމުގެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައެވެ.