އަލުން އެނބުރި ފުޓުބޯޅަ ދަނޑަށް ނިކުތުމަށް ތައްޔާރު ކަމަށާއި އޭނާގެ ހިތް އެންމެ ރައްކާތެރިވާނީ ދަނޑުމަތީގައި ކަމަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަން ބުނެފިއެވެ.

މިދިޔަ ޔޫރޯގައި ޑެންމާކާއި ފިންލެންޑް ކުޅުނު މެޗްގައި އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ ކުއްލިއަކަށެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީ ސިއްހީ އެހީތެރިން ކުރި މަސައްކަތުންނެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެރިކްސަން އަށް ކުރިމަތިވީ ކާޑިއަކް އެރެސްޓެކެވެ.

އެއަށް ފަހުގައި ހޮސްޕިޓަލުގައި އެރިކްސަން އަށް ފަރުވާ ދިނުމަށް ފަހުގައި އޭނާ ދޫކޮށްލާފައި ވަނީ އޭނާގެ ހަށިގަނޑަށް ޕީސްމޭކާއެއް ލެއްވުމަށް ފަހުއެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އޭނާގެ ހާލަތު ޑޮކްޓަރުން ގާތުން ބަލަމުން ގެންދެއެވެ.

ނަމަވެސް ޑެންމާކްގެ މިޑްފީލްޑަރު އަލުން އެނބުރި ކުޅެން ފަށަން ތައްޔާރުވެފައިވާ އިރު، އިނގިރޭސި ކުލަބް ބްރެޑްފޯޑާއި އެކު އޭނާ ވަނީ އެއްބަސްވުމެއް ހަދާފައެވެ.

"ސްކައި ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މިޑްފީލްޑަރު ބުނީ އެނބުރި ކުޅުމުގެ ތެރެއަށް އަންނަ އިރު، އޭނާގެ ހިތް އެންމެ ރައްކާތެރި ވާނީ ފުޓުބޯޅަ ދަނދުމަތީގައި ކަމަށެވެ.

އެރިކްސަން ވެގެންދާނީ ޕީސްމޭކާއެއް ލައްވައިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި ޕީސްމޭކާގެ ސަބަބުން ހިތުގެ މައްސަލަތައް ޖެހި ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުން ފަދަ ހާދިސާތައް ހިނގުމުގެ ރިސްކު ވަރަށް ބޮޑަށް ކުޑަ ކޮށްދޭނެއެވެ.

އެރިކްސަން ބުނެފައިވަނީ އެނބުރި ކުޅެން ފެށުމަށް އޭނާގެ އާއިލާވެސް ރުހޭ ކަމަށާއި ހިތުގެ މިފަދަ މައްސަލައެއް ދިމާވުމަކީ މީހަކު ދިރިއުޅުމުން މަހްރޫމްވާން ޖެހޭ ސަބަބެއް ނޫންކަން މުޅި ދުނިޔެއަށް ދައްކަން ބޭނުންވާ ކަމަށެވެ.

އެރިކްސަން މިވަގުތު ހުރީ ހަ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބްރެންޓްފޯޑް ގައެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ އެ ޓީމާއެކު ފުރަަތަމަ މެޗު ކުޅުމަށެވެ. އެރިކްސަން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ނިންމީ ގިނަ ޓެސްޓުތަކެއް ހަދާ، ގިނަބައެއްގެ ލަފާގެ މަތިންނެވެ.

އެރިކްސަން ބުނީ އޭނާގެ ކެރިއަރު އަދި ނިންމާލަން ގަސްތު ނުކުރާކަމަށެވެ. އަދި އެ ހާދިސާއަށްފަހު އަދިވެސް އެކަމުން ދިމާވި ކަންކަމުން އަރައިނުގަނެވޭ ކަމަށްވެސް އެރިކްސަން ބުންޏެވެ