ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަންގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ރެއާލް މެޑްރިޑަށް ބަދަލުވާން އަނގަބަހުން އެއްބަސްވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 29 އަހަރުގެ ރުޑިގާ ރެއާލްއަށް ބަދަލުވާން އަނގަ ބަހުން އެއްބަސްވެފައިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޗެލްސީއާއެކު ރުޑިގާ ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާއިރު، އެ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފްތާއަކު ދެ ލައްކަ ޕައުންޑު ލިބެއެވެ.

ރެއާލްއާއެކު ރުޑިގާ ހަދާ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބޭނެ އާމްދަނީ ސާފެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އޭނާއާއެކު ރެއާލްއިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ބޮޑު އާމްދަނީއެއް ލިބޭނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ރެއާލް އިން ރުޑިގާ ގެނައުމަށް މަސައްކަތްތަކެއް ކޮށްފައިވާއިރު، މިފަހަރު ކްލަބުން އޭނާ ގެނައުމަށް މަސައްކަތް ފެށީ ކޯޗު ކާލޯ އެންޗޮލޮޓީގެ އިރުޝާދާއެކުއެވެ.

ރެއާލްއަށް ރުޑިގާ ބަދަލުވާކަން ރަސްމީކޮށް އިއުލާންކޮށް، ކްލަބާއެކު އޭނާ ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެއާލްގެ އިތުރުން ރުޑިގާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑް، ބާސެލޯނާ، ޔުވެންޓަސް، ޕީއެސްޖީ އަދި ބަޔާން މިއުނިކުންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

މީގެ ކުރިން ރޯމާއަށްވެސް ކުޅެފައިވާ ރުޑިގާ ވަނީ ޗެލްސީއާއެކު އޭނާ ހޭދަކުރި ފަސް ސީޒަނުގައި މިހާތަނަށް 196 މެޗު ކުޅެ، 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޖަރުމަން ގައުމީ ޓީމަށް މިހާތަނަށް 50 މެޗު ކުޅެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައެވެ.