ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް ފްރާންސްގެ ކަމާބެހޭ އިދާރާތަކުން ތަހުގީގެއް ފަށާފައިވާ ކަމަށް ފްރާންސްގެ ޖުޑިޝަރީ އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެއެވެ.

އޮފިޝަލް ވިދާޅުވީ މި ތަހުގީގު ކުރިއަށް ގެންދަނީ ޕެރިސް ގެ ނަންޓެރޭ ގައި ހުންނަ ޕްރޮސެކިއުޓަރުގެ އޮފީހުން ކަމަށެވެ.

ނަމަވެސް ހަކީމީގެ މައްޗަށް ކުރެވިފައިވާ ތުހުމަތާއި، އަދި ކަންވީ ގޮތާއި މެދު މީޑިއާތަކުން ފަތުރާ ރިޕޯޓްތަކާއި މެދު އިތުރު މައުލޫމާތެއް އޮފިޝަލް ހާމަ ކުރައްވާފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ހަކީމީ ރޭޕް ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލައި ދޭން އެދުނީ 24 އަހަރުގެ އަންހެނެކެވެ. އެ އަންހެންމީހާ ރޭޕް ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު، ޕެރިސްގައި ހުންނަ ހަކީމީގެ ގޭގައި ކަމަށް އަންހެން މީހާ ބުނެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހާދިސާއަށް ފަހު އަންހެން މީހާ ވަނީ ޕޮލިސް ސްޓޭޝަނަކަށް ގޮސް އެކަން ރިޕޯޓް ކޮށްފައެވެ. ނަމަވެސް އޭނާ ދައުވާ ކޮށްފައި ނުވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ނަންޓެރޭ ގެ ޕްރޮސެކިއުޓަރ އޮފީހުން މި މައްސަލަ އާއި ގުޅޭ ގޮތުން މައުލޫމާތު ހާމަކުރަން ދެކޮޅު ހެދިނަމަވެސް، މިހާރު މީޑިއާގައި ފަތުރަމުންދާ މައުލޫމާތު ތަކުގެ ސަބަބުން، ކަމުގެ ހަގީގަތް ހޯދުމަށްޓަކައި ކުރެވެމުންދާ ތަހުގީގަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ އެ އޮފީހުން ވަނީ ޝަކުވާ ކޮށްފައެވެ.

ހަކީމީގެ މައްޗަށް ކުރެވުނު މި ތުހުމަތާ ގުޅޭ ގޮތުން ޕީއެސްޖީގެ އޮފިޝަލުން ވެސް އަދި ހަކީމީވެސް އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ސްޕެއިން އަށް އުފަން، ނިމިދިޔަ ވޯލްޑް ކަޕުގައި ތާރީހީ ކާމިޔާބީއެއް ހޯދައި ވިދާލި، މޮރޮކޯގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ހަކީމީ ވަނީ އިއްޔެ ޕެރިސްގައި އޮތް ފީފާ އެވޯޑްސް ހަފްލާގެ ސްޓޭޖުމަތިންވެސް ފެނިގެން ގޮސްފައެވެ. އެގޮތުން އޭނާ ވަނީ ފީފާގެ ފިރިހެނުންގެ ފުޓްބޯޅައިގެ ދުނިޔޭގެ 11 ގެ ތެރޭގައި ހިމެނިފައެވެ.

އުމުރުން 24 އަހަރުގެ ހަކީމީގެ ދެ ދަރިން ތިބޭ އިރު، އޭނާ އިނދެގެން އުޅެނީ ސްޕެއިންގެ ބަތަލާ އެއް ކަމަށްވާ ހިބާ އަބޫކް އާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަލާހް

    މުސްލިމުންގެ ޢަބުރު ކަތިލުމަށް ގުންޑާ ޔޫރަޕުން ޖަހާ ސަކަރާތްތައް ވަރަށް ގިނަ! އެންޑްރޫ ޓޭޓް، މިސްރުގެ ލަވަކިޔުންތެރިޔާ، މިހާރު ޙަކީމީ!

    • ހުވަދޫ އަލިބެއްޔާ

      ބުރޯ މުސްލިމޭ ތި ކިޔަނީ ކިހިނެއް؟؟؟؟

      2
      1