ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކް ބައްދަލުކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ރެއާލްއާއި ޗެލްސީ ބައްދަލު ކުރާއިރު، ރެއާލް އަކީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަނުންނެވެ. މި ދެޓީމުން ވަނީ މިދިޔަ ސީޒަނުގައި ވެސް ލީގުގެ ކުއާޓާ ފައިނަލުގައި ބައްދަލު ކޮށްފައެވެ. އެ މުބާރާތުގެ ތަށި އުފުލާފައިވަނީ ރެއާލްއިންނެވެ.

ކުއާޓާ ފައިނަލުގައި ރެއާލްއާއި ޗެލްސީ ބައްދަލު ކުރާއިރު، އަނެއް މެޗުގައި ބައްދަލު ކުރާނީ ސިޓީއާއި ބަޔާންއެވެ. މި މެޗު ހާއްސަވަނީ ކޯޗު ޕެޕް ގާޑިއޯލާ އަށެވެ. އެއީ ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން 2009 އަދި 2011 ވަނަ އަހަރު ބާސެލޯނާއިން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާފައިވާއިރު، ދެން އޭނާ ހަވާލުވި ދެ ކްލަބް ކަމަށްވާ ބަޔާންއާއި ސިޓީއަށް އޭނާއަށް ތައްޓެއް ހޯދައި ނުދެވުމުންނެވެ.

ސިޓީއަށް ކޯޗުކަން މިހާރު ކޮށްދެމުން އަންނަ ގާޑިއޯލާ ތައްޓާއި އެންމެ ގާތަށް ވެސް ދެވިފައިވަނީ ސިޓީ ގޮވައިގެން 2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައެވެ. އެ މުބާރާތުގައި ސިޓީ ވަނީ ޗެލްސީ އަތުން ބަލިވެފައެވެ.

މި ދެމެޗުގެ އިތުރުން ދެން ކުޅުމަށް ހަމަޖެހިފައިވަނީ އިންޓަ މިލާނާއި ބެންފީކާ އަދި އޭސީ މިލާނާއި ނަޕޯލީއާ އެވެ.

މިމުބަރާތުގެ ސެމީ ފައިނަލުގައި ބައްދަލު ކުރަން ޖެހެނީ ރެއާލާއި ޗެލްސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ސިޓީ އާއި ބަޔާން ކުޅެގެން މޮޅުވާ ޓީމެކެވެ. އަދި ދެ ވަނަ ސެމީ ފައިނަލުގައި ކުޅޭނީ މިލާނާއި ނަޕޯލީ ކުޅެގެން މޮޅުވާ ޓީމަކާއި އިންޓަ އާއި ބެންފީކާގެ ކުރިމަތިލުމުން ކާމިޔާބު ހޯދާ ޓީމެކެވެ.

ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 އަދި 12 ގަ އެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 އަދި 19 ގަ އެވެ.