ރޭޕްގެ ތުހުމަތުގައި ޕްރިމިއަރ ލީގަށް ކުޅެމުން އަންނަ ކުޅުންތެރިޔަކު ހައްޔަރު ކޮށްފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ހައްޔަރު ކޮށްފައިވާ ކުޅުންތެރިޔާއަކީ ގަތަރުގައި މިދިޔަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި ވެސް ކުޅުނު ޓީމަކުން ފެނިގެން ގޮސްފައިވާ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރޭޕްގެ ތުހުމަތުގައި އެކުޅުންތެރިޔާ ހައްޔަރު ކޮށްފައިވާއިރު، މިދިޔަ އަހަރާއި 2021 ވަނަ އަހަރު ވެސް އޭނާގެ މައްޗަށް ވަނީ ދެ އަންހެނަކު ރޭޕް ކުރި ތުހުމަތު ކޮށްފައެވެ. އަދި އެމައްސަލައިގައި އޭނާ ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައެވެ.

ފާއިތުވި ދެ އަހަރު އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތު ކޮށްފައިވާއިރު، އަނެއްކާ ވެސް މިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި އަންހެނަކަށް ރޭޕްކުރި މައްސަލައެއް ފެންމަތިވެފައެވެ.

ބޭރުގެ މީޑިއާއެއް ކަމަށްވާ "ސަން" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ވަކި ގައުމެއް ކަމަށްވާ ހާފޯޑްޝިއާގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ކުޅުންތެރިޔާ ވަނީ ގިނަ އިރުތަކެއް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައެވެ.

ރޭޕްގެ މައްސަލައިގައި އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރި ނަމަވެސް، އޭނާ ކުޅެމުން އަންނަ ޓީމުން އަދި ސަސްޕެންޑް ކޮށްފައި ނުވާ ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ.