ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ކާމިޔާބުކުރި ލަނޑާއެކު ރެއާލް މެޑްރިޑް 1-0 އިން ޖަރުމަނުގެ ޔޫނިއަން ބާލިން އަތުން މޮޅުވެއްޖެއެވެ.

މިއީ ރެއާލަށް ބަދަލުވި ފަހުން އެ ޓީމަށް ކުޅެދިން ހަ މެޗުގައި ބެލިންހަމް ޖެހި ހަވަނަ ގޯލެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތްއިރު ކޯޗު ކާލޯ އަންޗެލޮޓީ، ބެލިންހަމް ކުޅުވީ ތަންކޮޅެއް އެޑްވާންސް ރޯލެއްގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރެއާލުން މުޅި މެޗުގައި ފޮނުވާލި 22 ހަމަލާގައި ވެސް އޭނާގެ ހިއްސާ ބޮޑެވެ. މި މެޗުގައި ޔޫނިއަން ބާލިން އަށް ރެއާލްގެ ގޯލަށް ފޮނުވާލެވުނީ އެންމެ ތިން ހަމަލާއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ބެލިންހަމް ކާމިޔާބުކުރީ އުރުގުއޭ މިޑްފީލްޑަރު، ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ބޯޅައެއް އެހެން ކުޅުންތެރިއެއް ގައިގަ ޖެހިފައި ލިބުމުން ހުހަށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ރެއާލަށް ބަދަލުވިފަހުން މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އެ ޓީމު މޮޅުކޮށްދޭން އޭނާ ލަނޑުޖެހި ތިންވަނަ ފަހަރެވެ.

މި މެޗުގައި ރެއާލުން ލަނޑުޖެހުމުގެކުރީން، ދެވަނަ ހާފުގައި އެ ޓީމުން ދެ ފަހަރެއްގެ މަތީން ގޯލަށް ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

މި މުބާރާތުގައި ރެއާލަށް ދެން އޮތީ ރަށުން ބޭރުގައި ނަޕޯލީއާ ބައްދަލުކުރާ މެޗެވެ.