ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯއާ 0-0 އިން އެއްވަރުވެ، ރެއާލް މެޑްރިޑަށް ތާވަލްގެ އެއްވަނަ މަގާމު ގެއްލިއްޖެއެވެ.

މިއީ މިދިޔަ 23 އަހަރުގެ ތެރޭގައި ރެއާލްގެ ދަނޑުގައި ވަޔެކާނޯއާ ޕޮއިންޓެއް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ޓީމުން ބަލިނުވެ ފުރިހަމަކުރި ނުވަ ވަނަ މެޗެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ އެންމެ ކުރީގައި އުޅޭ ޖިރޯނާ އަށް ވުރެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. އެއްވަނައިގައި އުޅޭ ޖިރޯނާ ވަނީ މިދިޔަ ހޮނިހިރު ދުވަހު އޮސަސޫނާގެ ދަނޑުގައި 2-4 އިން މޮޅުވެ، މިހާތަނަށް ކުޅުނު 12 މެޗުން 31 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި ރެއާލް އޮތީ 12 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި ބާސެލޯނާ އޮތްއިރު، ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 11 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގައި ރެއާލްގެ ފެޑެރީކޯ ވަލްވާޑޭ އާއި ހޮސެލޫގެ އިތުރުން ޖޫޑް ބެލިންހަމް އަދި ވިނީޝަސް ޖޫނިއާ އަށް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ރަޔޯ ވަޔެކާނޯއާ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

އެގޮތުން، ރޭގެ މެޗުގައި މުޅި ޖުމްލަ 22 ހަމަލާ ރެއާލުން ފޮނުވާލިއިރު، ގޯލަށް އަމާޒުވެފައިވަނީ އެންމެ ފަސް ބޯޅައެވެ. މީގެތެރެއިން، ރަނގަޅު ދެ ފުރުސަތެއް އެ ޓީމުން ވަނީ ބޭކާރުކޮށްލައިފައެވެ.

ފުރަތަމަ ހާފުގައި ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު، ބެލިންހަމްގެ ކޮނޑުހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ފަރުވާ ހޯދާފައިވާއިރު، އޭނާ ވަނީ މެޗުގެ 90 މިނެޓު ފުރިހަމަކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، ބެލިންހަމް އަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން ދެނެގަތުމަށް އިތުރު ސްކޭންތައް ހަދާނެ ކަމަށެވެ. ފެންނަ ފެނުމަށް އޭނާގެ އަނިޔާ ސީރިއަސް ނޫން ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

ރެއާލަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިންގ ބްރާގާއާ ބައްދަލުކުރާ މެޗެވެ.