ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އަތުން 1-0 އިން ސްޕެއިނުގެ ބާސެލޯނާ ބަލިވިއިރު، އެ ގްރޫޕުގައި ހިމެނޭ ޕޯޗުގަލްގެ ޕޯޓޯ ވަނީ 2-0 އިން ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް އަތުން މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި އަދިވެސް އުޅެނީ ބާސެލޯނާއެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޕޯޓޯ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ބާސެލޯނާ އަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. ތިނެއްގައި އޮތް ޝަހުތަރަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް އެންޓްވާޕް އަށް ޕޮއިންޓެއް ނުލިބެއެވެ.

ހެމްބާގްގައި ހުންނަ ވޯލްކްސްޕާކްސްޓޭޑިއޯންގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޝަހުތަރަށް ކާމިޔާބުކޮށްދިނީ ޑަނީލޯ ސިކަންއެވެ.

ރޭގެ މެޗުގައި ޝަހުތަރު ވަރަށް ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެފައިވާއިރު، ބާސެލޯނާ އަށް މުޅި މެޗުގައި ވެސް އެ ޓީމުގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެގޮތުން، ރޭގެ މެޗުގައި އަނިޔާއަށް ފަހު ކުޅުމަށް އެނބުރިއައި ބާސެލޯނާގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އަށް އެ ޓީމުގެ ކުޅުންތެރިންނަށް އެކަށީގެންވާ ވަރަށް ބޯޅަތަކެއް ދެވިފައެއްނުވެއެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި، ޕޯޓޯގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 އިން އެންޓްވާޕް ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އެވަނިލްސަން އާއި ޕެޕޭ އެވެ. މީގެތެރެއިން، އެވަނިލްސަން ޖެހި ގޯލަކީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ކިޔުންތެރިންގެ ހިޔާލު