މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ސްކޮޓްލެންޑްގެ ސެލްޓިކް އަތުން 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު ގްރޫޕް އީ ގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ލާޒިއޯ އޮތްއިރު، ތިންވަނައިގައި އޮތް ފެޔަނޫޑަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ސެލްޓިކް ފުލުގައި އޮތީ ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކުއެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ފްރާންސްގެ ފޯވާޑް، އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ގޯލުންނެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ސެލްޓިކްގެ ޑިފެންޑަރު، ކެމަރަން ކާޓާ-ވިކާސްގެ ގައިގަ ޖެހިފައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ސެލްޓިކްގެ ޑައިޒެން މައޭޑާ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. އެތުލެޓިކޯގެ ހާމޯސޯ އަށް ކުރި ފައުލަކާ ގުޅިގެން އެންމެ ފުރަތަމަ މައޭޑާ އަށް ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް، ފަހުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށް، މައޭޑާ އަށް ރަތް ކާޑު ދައްކާފައެވެ.

މި މެޗުގައި އެތުލެޓިކޯ އިން ޖެހި ދެވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ފޯވާޑް، އަލްވާރޯ މޮރާޓާ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ އުރުގުއޭ ޑިފެންޑަރު، ހޯސޭ ގިމެނޭޒް ބޮލުން ޖައްސާލި ޕާހެއްގެ އެހީގައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި ގްރީޒްމަން ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު، ސެމުއެލް ލީނޯ ދިން ބޯޅައަކުން ގްރީޒްމަން ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެ ހަ މިނެޓުފަހުން، އެތުލެޓިކޯގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ސެމުއެލް ލީނޯ އެވެ. އޭނާ މި ލަނޑުޖެހީ މޮރާޓާ ދިން ބޯޅައަކުންނެވެ.

އޭގެފަހުން، މެޗުގެ 76 ވަނަ މިނެޓުގައި އެތުލެޓިކޯގެ ފަސްވަނަ ލަނޑު، މޮރާޓާ ޖަހައިދިންއިރު މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ ސައުލް ނިގުއޭޒް އެވެ. މި ދެ ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ސެމުއެލް ލީނޯ އެވެ.

މި މުބާރާތުގައި ރޭ ގްރޫޕް އީ ގައި ހިމެނޭ ލާޒިއޯ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ފެޔަނޫޑް ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޓަލީގެ ފޯވާޑް، ޗީރޯ އިމޯބިލޭ އެވެ.

ކިޔުންތެރިންގެ ހިޔާލު