އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ބޯންމައުތު ބަލިކޮށް، ލިވަޕޫލުން ތާވަލްގެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

ރޭގެ މެޗުން ލިވަޕޫލް މޮޅުވީ 4-0 އިންނެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 21 މެޗުން 48 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 20 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އާސެނަލްގެ އިތުރުން ހަތަރުވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ސިޓީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ވައިޓާލިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ލަނޑެއްޖަހަން ކުރި މަސައްކަތްތައް ބޯންމައުތުން ވަނީ ހުއްޓުވައިފައެެވެ. ރޭގެ މެޗުގައި ލިވަޕޫލުން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ އުރުގުއޭ ފޯވާޑް، ޑާވިން ނޫނޭޒް ކާމިޔާބުކުރި ގޯލުންނެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ ޑިއޯގޯ ޔޮޓާ އެވެ. އަދި އޭގެ ނުވަ މިނެޓުފަހުން، ޔޮޓާ ވަނީ އިތުރު ގޯލެއްޖަހައި، ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

އިތުރުވަގުތުގައި ލިވަޕޫލްގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ނޫނޭޒް އެވެ. މިއީ ލީގުގައި ނޫނޭޒް ޖެހި ހަތްވަނަ ގޯލެވެ. މިއާއެކު، މުޅި ސީޒަނުގައި މިހާތަނަށް އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 10 އަށް އަރާފައެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ޝެފީލްޑް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 2-2 އިން ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުކޮށްފައެވެ. މި މެޗުގެ އިތުރުވަގުތުގައި ވެސްޓް ހޭމް އާއި ޝެފީލްޑް ކުރެން ކޮންމެ ޓީމެއްގެ ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑާ ގުޅިގެން ދެ ޓީމުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މި މެޗުގައި ވެސްޓް ހޭމުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ މެކްސްވެލް ކޯނޭ އާއި ޖޭމްސް ވޯޑް-ޕްރައުސް އެވެ. ޝެފީލްޑްގެ ލަނޑުތައް ޖެހީ އޮލިވާ މެކްބާނީ އެވެ. މީގެތެރެއިން، ވެސްޓް ހޭމްގެ ވޯޑް-ޕްރައުސް އާއި ޝެފީލްޑްގެ މެކްބާނީ ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.