ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ(އާރްސީއެލް)ގެ ފަރާތުން އޮޕަރޭޓް ކުރަމުންގެންދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ އޭޕްރަން ބަންދުކޮށް އައު އޭޕްރަން ގާއިމްކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

އެ އޭޕްރޯން ބޭނުން ކުރަން ފަށާފައިވަނީ އިއްޔެގެ ހެނދުނު ޖެއްސި މޯލްޑިވިއަން ފްލައިޓާއި އެއްކޮށެވެ.

އާރްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ ވިދާޅުވި ގޮތުގައި މިއޭޕްރަންއަކީ އަޕްގްރޭޑިންގް ޕްރޮޖެކްޓްގައި ހިމެނިފައިނުވާ އެހެންނަމަވެސް ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މިހާރުން މިހާރަށްވެސް ކުންފުންޏަށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ.

ހަނިމާދޫ އެއަރޕޯޓުގައި އާ އޭޕްރަން ބޭނުން ކުރަން ފެށުން - ފޮޓޯ: އާރްއޭސީއެލް

އަލަށް ހުޅުވުނު އޭޕްރަން މާކެޓް ކުރާނީ ޖެޓް ޕާކިން ފެސިލިޓީއެއް ގޮތުގައެވެ. މި އޭޕްރަންގެ ބޮޑުމިނަކީ 42،000 ސްކޮޔާފީޓެވެ. އެއީ އެއްފަހަރާ ހަ ޖެޓެއް ޕާކް ކުރެވޭނެ ވަރުގެ ޖަގާއެކެވެ.

އަދި އެއަރޕޯޓް އަޕްގްރޭޑިންގް ޕްރޮޖެކްޓް ނިމިގެންދާއިރު، މިސަރަހައްދު ބޭނުންކުރެވިގެންދާނީ އައިސޮލޭޝަންބޭ އެއްގެ ގޮތުގައި ކަމަށް އާރްއޭސީއެލްއިން މައުލޫމާތު ދެއްވައެވެ.

ހަނިމާދޫ އެއަރޕޯޓްގެ ތަރައްގީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އަލަށް ތަރައްގީ ކުރެވޭ 2،460 މީޓަރުގެ ރަންވޭގެ ތެރެއިން 1،200 މީޓަރުގެ ރަންވޭގެ މަސައްކަތް ނިންމާ ދާދި ފަހުން ވަނީ ބޭނުން ކުރަން ފަށައިފައެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއާޕޯޯޓްގައި ތަރައްގީ ކުރެވެމުންދާ އާ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

މި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ.

މި މަޝްރޫއަކީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދިޔަ ބިޔަ މަޝްރޫއެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމިގެންދާއިރު އެއަރބަސް އޭ 320 އާއި ބޮއިންގް 737 ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް ރަންވޭ ނިމި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓް ޓަރމިނަލްއަކާއި ފިއުލް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާޒް

    ހަނިމާދޫއާއި ކުޅުދުއްފުށި ގުޅާލާނެ ބުރިޖެއް އެބަ ބޭނުންވޭ.

    3
    1
  2. ިުއއ

    މުއިއްޒު ހުރީމަ ހުރިހާ ދިމާލަކުން ތަރައްްގީ ފެންނަމުން މިދަނީ

    4
    1
  3. އަލީ އާރިފް/ ވަށަފަރު

    އަޖައިބެއް..ހިޔާ ފްލެޓް ސިޓިންރޫމް ގައިވެސް 6 ޖެޓް ޕާކްކުރެވެއެވެ..