މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ، ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނަށް ބަދަލުތަކެއް ގެނެސްފިއެވެ.

މީރާއިން ބުނީ މިއީ 2023 ވަނަ އަހަރު ޝާއިއުކުރި 2023-2024ގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން'އެއް ކަމަށެވެ. އަދި ކާމިޔާބުކަމާއެކު ގިނަ ކޮމްޕްލަޔަންސް ހަރަކާތްތަކެއް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވިފައި ވިނަމަވެސް، މި ބަދަލުތަކަކީ، ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އަލަށް ފާހަގަކުރެވިފައިވާ ރިސްކުތަކާއި ޓެކްސް ދައްކާ ފަރާތްތަކުގެ ސުލޫކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އެ އޮތޯރިޓީން ކޮމްޕްލަޔަންސް ސްޓްރެޓަޖީތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތަކެއްކަމަށެވެ.

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރާތަކާއި ބައިނަލްއަގުވާމީ އިދާރާތައް މެދުވެރިކޮށް ތިންވަނަ ފަރާތުން ހޯދާ މައުލޫމާތުތަކާއި ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅާ މައުލޫމާތުތައް އަޅައިކިޔައި، ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރިސްކުތައް މަރުކަޒީ ގޮތެއްގައި ދެނެގަނެ ގިންތިކުރެވިގެން ދިއުން ހިމެނެއެވެ. އަދި މީރާގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުމަށްޓަކައި އީޖާދީ ހައްލުތައް ފޯރުކޮށްދިނުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މީރާގެ ރީޖަނަލް ކޮމްޕްލަޔަންސް ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމައިޒްޑް ހިދުމަތްތަކެއް ފޯރުކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެކަމަށްވެސް އެ އޮތޯރިޓިން ބުންޏެވެ.

މީރާއިން އިތުރަށް ބުނީ 2023-2024ގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' އަށް ގެނެސްފައިވާ ބަދަލާއެކު، ފައިސާ ދެއްކުމާ ގުޅޭ އިލްތިޒާމްތައް ވަގުތަށް ފުރިހަމަނުކުރާ ފަރާތްތަކާމެދު އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. މިގޮތުން، ޓެކްސް ދައްކާ ފަރާތްތަކުގެ މާލީ މައުލޫމާތާއި، ސިނާއަތާއި، ފާއިތުވި މުއްދަތުތަކުގައި ޓެކުހުގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލަނބައިފައިވާ މިންވަރާއި، ތިންވަނަ ފަރާތުން ހޯދާ މައުލޫމާތު، އަދި ސޯޝަލް ނެޓްވޯކް އެނަލިސިސް ފަދަ ކަންކަމަށް ބަލައިގެން، ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ދެއްކުމާ ގުޅޭ އިލްތިޒާމްތަކުގައި ހުންނަ މައްސަލަތައް ގަވާއިދުން މޮނިޓަރކުރަމުން ގެންދާނެކަމަށް މީރާއިން ބުންޏެވެ.