މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.

ރާއްޖެއަށް ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުންދާއިރު، ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއްމުކޮށްފައިވާ މި މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަަކަށް ބަލާއިރު، ރާާއްޖެއަށް 798،610 ފަތުރުވެރިން އައިސްފައި ވެއެވެ. ނަމަވެސް އިއްޔެ އާއި މިއަދު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކާއެކު ރާއްޖެއަށް މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު އަށް ލައްކައަށް އަރާނެއެވެ.

ރާއްޖެއަށް މިހާރު އަންނަ ފަތުރުވެރިންގެ އަދަދުތައް މިދިޔަ އަހަރާ އަޅާކިޔާއިރު %12ގެ ކުރިއެރުމެއް ލިބިފައިވާއިރު، މިހާރު ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އުޅޭނީ 6،338 ގައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް 87،566 ފަތުރުވެރިން އައިސްފައިވާއިރު، އެ ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން 80،698 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 77،273 ފަތުރުވެރިން އައިސްފައިވާއިރު، ހަތަރު ވަނައިގައި އޮތް އިޓަލީން 71،693 ފަތުރުވެރިން އައިސްފައި ވެއެވެ.

މިދިޔަ އަހަރު ރާއްެޖެ އައިސްފައި ވަނީ 1.8 މިލިއަން ފަތުރުވެރިންނެވެ. ފަތުރުވެރިކަމުގެ ވުޒާރާއިން އަންދާޒާކޮށްފައިވާގޮތުން މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު