އެސްޓީއޯ ސްމާޓް ސްޓޯރުން މިހާރު 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.

ކޭޝިއަރެއް، ސޭލްސްމަނެއް ނުހުންނަ އާޓިފިޝަލް އިންޓެލިގެންސް ވިޝަން ބޭނުން ކޮށްގެން ހިންގާ އެސްޓީއޯގެ ފިހާރަ ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

މިއީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ސްމާޓް ފިހާރަ އެވެ.

އެ ފިހާރައިގައި އެއްވެސް ކޭޝިއަރެއް ނުހުންނަ އިރު އެ ތަނުގައި ހުންނަ ހާއްސަ ކެމެރާތަކުން ހުރިހާ ކަމެއް މޮނީޓާ ކުރާނެ އެވެ.

އެ ފިހާރައަށް ވަނުމުގެ ކުރިން ކިއުއާރުކޯޑެއް ސްކޭންކޮށްލުމުން އެ ފިހާރައިގެ ހާއްސަ އެޕް އެޅޭނެއެވެ. އަދި ރަޖިސްޓްރީކޮށްލައި ފިހާރައަށް ވަދެ ވިޔަފާރި ކުރެވޭނެއެވެ.

އެގޮތުން އެ ތަނުން އެއްޗެއް ނަގައި ކެޔަސް އަދި ފިހާރައިން ނުކުންނަ އިރު ހިފައިގެންދާ އެއްޗަށް ކާޑުން ކެނޑޭނެއެވެ. އެގޮތަށް ކެނޑެނީ ޓޯކަނައިޒޭޝަން ކިޔާ ފީޗާ އެއް ބޭނުންކޮށްގެންނެވެ.

އެސްޓީއޯގެ ސްމާޓް ސްޓޯ އައިއޯއެސްއާއި އަދި އެންޑްރޮއިޑް އިން ވެސް ޑައުންލޯންޑް ކުރެވޭނެއެވެ. އެ ފިހާރައިގައި ދިވެހިން އާންމުކޮށް ގަނެއުޅޭ ވަރަށް ގިނަ ބާވަތުގެ ތަކެތި ލިބެއެވެ.