ދަ ހޮންކޮންގް އެންޑް ޝަންގްހައި ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ)ގެ ރާއްޖޭގެ ބްރާންޗު ބަންދު ކުރަން އެ ބޭންކުން ނިންމައިފިއެވެ.

"ވަގުތު" އަށް އެނގުނު ގޮތުގައި އެ ބޭންކް ބަންދު ކުރަން ނިންމާފައިވަނީ ކުރިއަށް އޮތް 6 ނޫނީ 9 މަސް ތެރޭގައެވެ.

އެ ބޭންކުން މި ނިންމުން ނިންމާފައިވަނީ ރާއްޖޭގައި ގާއިމްކޮށްފައިވާ އެ ބްރާންޗަށް އެކަށީގެންވާވަރަށް ފައިދާ ނުވާތީ ކަމަށްވެއެވެ.

އެޗްއެސްބީސީގެ ރާއްޖޭގެ ބަންދު ކުރަން ނިންމާފައިވާއިރު މިދިޔަ އަހަރު އިނގިރޭސިވިލާތުގައި އެޗްއެސްބީސީން ހިންގަމުން ދިޔަ 114 ބްރާންޗެއް ވެސް ވަނީ ބަންދުކޮށްފައެވެ.

އެޗްއެސްބީސީ އަކީ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތް ދޭ ދުނިޔޭގެ އެންމެ ބޮޑު އެއް ބޭންކެވެ. މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ސަބަބެއް ކަމަށް އެ ބޭންކުން ބުނަނީ ދުނިޔޭގެ އިގްސާދަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންނާއި، ކޮވިޑް 19 އަށް ފަހު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ގިނަ މީހުން މިހާރު އޮންލައިންކޮށް ބޭންކިންގެ ހިދުމަށް ހޯދަމުން ދާތީއެވެ.

ކޮވިޑް 19 ގެ އާލަމީ ވަބާއަށް ފަހު ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް ބޭންކަށް ގޮސް ހިދުމަތް ހޯދާމީހުންގެ ނިސްބަތްވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. އަދި އެޗްއެސްބީސީ ކަހަލަ ބޮޑެތި ބޭންކުތަކުގެ ބައެއް ބުރާންޗުތަކުން ހިދުމަތް ހޯދާމީހުންގެ އަދަދު ހަފްތާއަކު 150 އަށްވެސް ނާރާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެކީ

    ރާއްޖޭގައި އެޗް އެސް ބީ ސީ ގެ ބުރާންޗެއް ދުވަހަކުވެސް ނެތް. ހުރީ އެޗް އެސް ބީ ސީ ސްރީލަންކާ ބުރާންޗުގެ ޑެސްކެއް. އެ ނެތުން މާރަނގަޅު.

    1
    1