ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެެރެއިން ބަދަލު ކުރަން ނިންމާފައިވާ ސީޕްލޭން ޓާމިނަލް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ނުވަތަ ފުރަނަފުއްޓަށް ބަދަލު ކުރަން މަޝްވަރާތައް ފަށައިފިއެވެ.

މި އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެލާނާ އެއާޕޯޓްގެ 20 އަހަރުގެ މާސްޓާޕްލޭން އިއުލާން ކުރައްވާފައެވެ. މިއީ ރައްޖޭގެ ތާރީހުގައިވެސް ހިންގާ އެންމެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުން ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ.

ރައީސް މުއިއްޒުގެ ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްލޭންގައި ހިމެނޭ ކަންކަން

  • އަހަރަކު 25 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޓާމިނަލް ތަރައްގީ ކުރުން
  • 100 މިލިއަން ލީޓަރުގެ ތެޔޮ ރައްކާ ކުރާނެ ފެސިލިޓީއެއް ގާއިމް ކުރުން
  • ގަޑިއަކު 2،000 ފަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޑޮމެސްޓިކް ޓާމިނަލް ތަރައްގީ ކުރުން
  • މިހާރުގެ ކާގޯ ޓާމިނަލް 100،000 މެޓްފިކް ޓަނުން 300،000 މެޓްރިކް ޓަނަށް ކެޕޭސިޓީ އަށް އިތުރު ކުރުން
  • ޖެޓްތަކަށް ހާއްސަ ޓާމިނަލްއެެއް ގާއިމް ކުރުން
  • ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ ގަބޫލު ކުރާ މަތިންދާބޯޓު މަރާމާތު ކުރާ ފެސިލިޓީ
  • އަގުހެޔޮ އެއާލައިން ނުވަތަ ލޯކޮސްޓްް ކެރިއަރ ތަކަށް ހާއްސަ ޓާމިނަލްއެއް ގާއިމް ކުރުން
  • 73 އެއާކްރާފްޓް އެއްފަހަރާ ޕާކް ކުރެވޭނެ ކެޕޭސިޓީ ގާއިމް ކުރުން
  • ކ. ފުނަދޫ އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރަކަށް (ޓްރާންސިޓް ހޮޓެލާއި، ޝޮޕިންގ ސެންޓަރުތަކާއި، މޮޓޯރޭލުގެ ހިދުމަތާއެކު)

އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ މަސަައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން ފުނަދޫގައި ރައްކާ ކުރާ ތެޔޮ ތާނގިތައް ހުސް ކުރަން ޖެހޭ ކަމަށެވެ. އެކަން ކުރުމަށް މިހާރު ޗައިނާގެ ކޮންޓްރެކްޓަރަކާއި ހަވާލު ކުރެވިފައިވާ ކަަމަށް ސައީދު ވިދާޅުވިއެވެ.

ޝެރެޓަން މޯލްޑިވްސް ފުލްމޫން

"އެސްޓިއޯއިން މައުލޫމާތުދޭގޮތުގައި ޗައިނާގައި މިކަމަށް ވަރަށް ފުންނާބު އުސް ކޮންޓްރެކްޓަރަކާއި ހަވާލު ކުރެވިފައި ވާނީ، އެތާގައި ހުރި ފިއުލް ފާމް ނުވަތަ ފިއުލް ޓޭންކްތައް ބަދަލު ކުރަން ބޭނުންވާ ތަން ހިއްކާ އެތަނުގައި ބޮޑު ހިލަ ޖެހުމާއި، އެ ޓޭންކްތައް ހަދާ ނިންމުމަށްޓަކައި އަޅުގަނޑުމެންނަށް 18 މަސް ދުވަސް ބޭނުންވޭ، މިހާރު އެ މަސައްކަތް ދަނީ ކުރިއަށް،".

އަދި އެއާޕޯޓްގެ އިކޮނޮމިކް ޒޯން ތަރައްގީ ކުރުމަށާއި، ފައިނޭންޝިއަލް ސެންޓަރު ގާއިމް ކުރުމަށާއި، އަދި ހުޅުލެއާ ފުނަދޫ އާއި ބްރިޖް ކުރުމަށާއި، މާލެ އިން ފުނަދޫ އަށް ބްރިޖް ކުރުމާއި، މޮނޮރެއިލް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަން އެއްބަސްވުން އެކުލަވާ ލުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"ރައީސް ޑރ، މުއިއްޒު ބޭނުންފުޅޫވަނީ، މިހާރު އެއާޕޯޓް އޮތް ސައިޒަށް ވުރެ ބޮޑު ކުރަން، 20 އަހަރުގެ ޕްލޭނެކޭ މި ކިޔަނީ، އެ މަަސައްކަތް ކުރުމަށްޓަކައި ހުޅުމާލެ ޖެހިގެން އޮންނަ ފުލްމޫންއަށް އަޅުގަނޑުމެން މި ބަދަލު ކުރަނީ ސީޕްލޭން ޓާމިނަލް، އެކަން ކުރެވުނީމަ މިހާރު ހިންގާ އާ ސީޕްލޭން ޓާމިނަލް ބަދަލު ވެގެން މި ދަނީ ޕްރައިވެޓް ޖެޓް ހެންޑްލް ކުރާ ޓާމިނަލް އަކަށް، ދެން އެއާއެކު މިހާރު ސީޕްލޭން ޖައްސާ މޫދު ހުޅުލޭގެ އިރުމަތީ ސަރަހައްދު އެއްކޮށް މި ހިއްކަނީ، ހިއްކާފައި އެތަަނުގައި އަޅަނީ ޑޮމެސްޓިކް އެއާޕޯޓާއި މަތިންދާ ބޯޓުގެ އިންޖީނިއަރިންގ އާއި ހެންގާ ފެސިލިޓީތަކާއި މިކަހަލަ ކަންތައްތައް،".'

އޭނާ ވިދާޅުވީ، ސީޕްލޭން ޓާމިނަލް ބޮޑުވެ ބަދަލުވާން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރުމަށް ފުލްމޫން ރިސޯޓުގެ ވެރިފަރާތާއި ވާހަކަދެކެވިގެން ވަރަށް އަވަހަށް ގޮތްތަކެއް ނިމިގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަޒްރާ

    ވީރާނާ ވަމުންދާ ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް މުޅި ރާއްޖެއަށް ޓާމިނަލް އާ ރަންވޭ ހުޅުވާލިއޔާ މާ ފައިދާ ބޮޑުވާނެ

  2. ޙެހެހ

    ސަރުކާރުގެ ޕްލޭނެއް ނެތީތަ ، ކުރިން ބުނީ ފުނަދޫއޭ ، މިހާރު އެހން ތަނެއް

  3. Anonymous

    މިހާރު ސީޕްލޭން ޖައްސާ މޫދު ހުޅުލޭގެ އިރުމަތީ ސަރަހައްދު އެއްކޮށް ހިއްކަނީ، ހިއްކާފައި އެތަަނުގައި އަޅަނީ ޑޮމެސްޓިކްޓާމިނަލޯ.....ދެނޯ...