ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) މަޝްރޫއުގެ ޓެކްނިކަލް އެކްސްޕާޓުންގެ ފަންނީ މަސައްކަތް ކުރިއަށްދާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޕްލިމިނަލަރީ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އިންޓަރނޭޝަނަލް ޓެކްނިކަލް އެކްސްޕާޓުން ފަންނީ މަސައްކަތް ކުރިއަށްގެންދާއިރު މޫސުން ރަނގަޅުވުމުން އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، ކަނޑުއަޑިން އަޅާ ކޭބަލްގެ ޓެކްނިލް ސްޓްޑީތައް ހަދާނެ ކަމަށާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވާރކް ޕްލޭން ވެސް އެކުލަވާލާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މުޅި މަޝްރޫއު ނިމޭއިރު ހުންނަ ގޮތް ރައްޔިތުންނަށް ދެއްކުމަށް ސަރުކާރުން ބޭނުންވާތީ، މުޅި މަޝްރޫއު ނިމޭއިރު ހުންނާނެ ގޮތުގެ ފިޒިކަލް މޮޑަލް ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

އެސްއީޒެޑް މަޝްރޫއުގެ މަސައްކަތް އިތުރަށް ފުޅާކުރެއްވުމަށް ވަޒީރު ލަންޑަނަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އެސްއީޒެޑްގެ ފަންނީ ލަފާ ހުރި ފުންނާބު އުސް އިކޮނޮމިސްޓާއެކު މަޝްވަރާ ކުރެވި އެއްބަސްވުމަކަށް، އައުމަށް ވެސް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެސްއީޒެޑަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ސަރުކާރަށް ޕްރޮޕޯސަލްގެ ގޮތުގައި ލިބުނު ފްލޯޓިންގ ސޯލާ ނިޒާމްގެ ބިޔަ މަޝްރޫއަށް ހުއްދަ ދިނީ މީގެ މަސް ދުވަސް ކުރިންނެވެ. މިއީ އެސްއީޒެޑްގެ ހުއްދަ ދިން ފުރަތަމަ މަޝްރޫއެވެ.

މި މަޝްރޫއަކީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްޒަސް ޕަވާ ކޯޕަރޭޝަނާއި އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރެއް ކަަމަށްވާ ސަންގްރޯ ޕަވާ ސަޕްލައި ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) އިންޖީނުގެ އަކާއި އެއާ ގުޅުންހުރި ސިވިލް އަދި އިލެކްޓްރިކަލް އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރުން ހިމެނެއެވެ. އަދި ލީ އޮން ބެޓެރީ ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމަކާއި މައި ޕަވާ ގްރިޑާ އިންޓަކަނެކްޝަނަށް ބޭނުންވާ އިންވެސްޓްމަންޓްތަކާ އެކު ގުޅާލެވޭނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ރާއްޖެއަށް ސްޓްރެޓެޖިކް އަގުހުރި މަޝްރޫއް ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭ ކަމަށާއި، ހަކަތައިގެ އާދަޔާ ހިލާފު ވަސީލަތްތަކުގެ ބަދަލުގައި އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި މި މި މަޝްރޫއަކީ 2028ގެ ނިޔަަލަށް ރާއްޖޭގެ ކަރަންޓުގެ ޑިމާންޑުގެ މަދުވެގެން 33 އިންސައްތަ އިއާދަކުރަނިވި ވަސީލަތްތައް މެދުވެރިކޮށް އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެވަޑައިގެންފައިވާ ވައުދުފުޅާއި ގުޅިފައިވާ މަޝްރޫއެއް ކަަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަބްރަކްޒަސް އަކީ ކެނެޑާގެ އެނާޖީ ޓްރާންސިޝަން ޑިވެލޮޕަރެކެވެ. އެ ކުންފުނީގެ ޓީމަކީ އެނާޖީ ޓްރާންސިޝަންއާ ގުޅިފައިވާ ގޮންޖެހުންތައް ލީޑްކުރުމާއި ފައިނޭންސް ކުރުމާއި ހައްލު ކުރުމުގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ޓީމެކެވެ.

އެސްއީޒެޑްގެ ގާނޫނުގެ ތެރެއިން އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ގޮތަށް ކަނޑައަޅައިފައެވެ. އަދި އިންވެސްޓް ކުރާނެ ނުވަ ދާއިރާއެއް ވެސް ފާހަގަކޮށްފައިވެއެވެ.

އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ތެރޭގައި އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް އާއ ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް ހިންގުމާއި ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސިލިޓީތައް ގާއިމުކުރުމާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް ހެދުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް ހިންގުމާއި ފުޑް ސެކިއުރިޓީ އަދި ތެޔޮ ހޯދުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު