މިދިޔަ އަހަރު ކަސްޓަމަރުން ބޭނުންވި ބަދަލުތަކެއް ގެނެވި، އެކި އެކި ކަންކަމަށް ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ، މިދިޔަ އަހަރަކީ އިންފްލޭޝަނާއި އިންޓްރެސްޓް ރޭޓް މަތިވުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ފޯރި އަހަރެއް ކަމަށެވެ. މި ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ އިގްތިސާދަށް 6.5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން ބީއެމްއެލުން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދަށް ލިބުނު ކުރިއެރުމުގެ ކުރިއެރުމުގެ ހެޔޮ އަސަރު ބީއެމްއެލްގެ ވިޔަފާރިއަށް ވެސް ކުރި ކަމަށް އެބޭންކުން ވަނީ ބުނެފައެވެ. އެގޮތުން ބޭންކުގެ ބެލެންސް ޝީޓަށް 3.8 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިތުރުވެ ޖުމްލަ އެސެޓް 45 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި ހިންގުމުގެ ފައިދާ ހުރީ ކުރީ އަހަރަށް ވުރެ 7 އިންސައްތަ އިތުރުވެ، 2.7 ބިލިއަން ރުފިޔާގައި ކަމަށް ބޭންކުން ވަނީ ބުނެފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ބޭންކުން ހޯދި ނަތީޖާއާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ، ފަރުދުންނާއި ވިޔަފާރިތަކަށް 5 ބިލިއަން ރުފިޔާގެ އައު ލޯނު މިދިޔަ އަހަރުގެ ތެރޭގައި ބޭންކުން ދޫކުރި ކަމަށާއި މިއަދަދުގެ ތެރެއިން އާންމު ފަރުދުންނާއި އެސްއެމްއީ ސެގްމަންޓަށް އަމާޒުކޮށް 1.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

"މިއާއެކު މިދިޔަ އަހަރުވެގެން ގޮސްފައިވަނީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެސްއެމްއީ ސެގްމަންޓަށް އެންމެ ގިނައިން ލޯނު ދޫކުރި އަހަރަށް." ނިމާލް ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ ޕާރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް ދެމުންދާ އުފެއްދުންތަކާއި ހިދުމަތްތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

"ތައުލީމަކީ އަޅުގަނޑުމެން އިސްކަމެއްދޭ އެއް ދާއިރާއަކަށްވެފައި، ދިވެހި އިގްތިސާދަކީ އިލްމުގެ މައްޗަށް ބިނާކުރެވޭ އިގްތިސާދަކަށް ހެދުމުގެ މަގްސަދުގައި ކިޔަވާ ލޯނުގެ ރޭޓް 9 އިންސައްތަ އިން 5 އިންސައްތައަށް އަޅުގަނޑުމެން ދަށް ކުރިން. އަދި ގެދޮރު ގަތުމަށް އެދޭ ލޯނަށް ގިނަ ބަޔަކު ކޮލިފައި ކުރުމުގެ ބޭނުމުގައި ހޯމް ޕަރޗޭސް ލޯނާއި ފައިނޭންސިންގެ މުއްދަތު 25 އަހަރާ ހަމަޔަށް އިތުރުކުރިން. މީގެ އިތުރުން ފަރުދުންގެ އެންމެހާ ބޭނުންތަކަށް ފަހިވާނެހެން، ރަހުނަކާ ނުލައި ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއާ ހަމައަށް އިތުރުވެސް ކުރިން. މި ބަދަލުތަކަކީ ކަސްޓަމަރުން ބަލައިގެންފައިވާ ބަދަލުތަކެއް." ނިމާލް ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރަން ފެށި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުން އެހީ ލިބުނު 3 ވިޔަފާރިއެއް މިދިޔަ އަހަރުތެރޭ ކާމިޔާބުކަމާއެކު ގާއިމްވެ ހިނގައިގަތް ތަން ފެނުނު ކަމަށް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. އަދި 2023 ވަނަ އަހަރު މި ހިލޭ އެހީގެ ދަށުން އިތުރު ދެ ވިޔަފާރިއެއް ފެށުމަށް ބޭންކުން އެހީތެރިވެފައިވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ނިމާލް ވިދާޅުވީ، ވިޔަފާރިތަކަށް ބޭނުންވާ އެކިއެކި ބޭންކިންގ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްވުމަކީވެސް ވިޔަފާރިވެރިތަކަށް ވަރަށް މުހިންމުކަމެއް ކަމަށާއި މި ބޭނުމުގައި ވިޔަފާރިތަކުގެ އެންމެހާ ޚިދުމަތްތައް މާލޭ ބިޒްނަސް ސެންޓަރގައި، އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތް މިދިޔަ އަހަރުތެރޭ ނިންމާލެވުނު ކަމަށެވެ.

"ބިޒްނަސް ސެންޓަރުން މިހާރު އެކައުންޓް ހުޅުވުމުގެ އިތުރުން، ލޯން އަދި ޑިޖިޓަލް ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ. އަދި މާރޗަންޓުން ބޭނުންވާ އެކި އެކި އެހީތެރިކަންވެސް ފޯރުކޮށްދެވޭ. މި ބަދަލާއެކު ވިޔަފާރިތަކުން ހޯދަމުންދާ ހިދުމަތުން ލިބޭ ތަޖުރިބާ ރަނގަޅުވެ ބޭންކާ އޮންނަ ގުޅުންވަނީ ހަރުދަނާ ވެފަ." ނިމާލް ވިދާޅުވިއެވެ.

2023 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއާ އަލަށް ގުޅުނު 23,000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއެކު ޖުމްލަ ގުޅުނުއިރު މިހާރު ބޭންކުގެ ކަސްޓަމަރުންގެ އަދަދުވަނީ 345,000 އަށް އަރާފައެވެ. މިދިޔަ އަހަރު 66،000 އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި 5,600 ބިޒްނަސް އެކައުންޓް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުންމީދު

    ދަވާލައިފި ނިކަމެތި ރައްޔިތު މީހާ