ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، (ސާޓާ) ގެ ލީޑިންގ ޑޮމެސްޓިކް ޓްރެވެލް އެވޯޑް އަނެއްކާވެސް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންއަށް ލިބިއްޖެއެވެ.

އިންޑިއާގެ ތާޖް މަހަލް ޕެލެސްގައި މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެވޯޑް ހަފްލާގައި މި އެވޯޑާއި މޯލްޑިވިއަންގެ ފަރާތުން ހަވާލުލެއްވީ ހެޑް އޮފް އިންޖީނިއަރިންގ އިބްރާހިމް އިޔާސްއެެވެ.

މިއީ މޯލްޑިވިއަންއަށް މި އެވޯޑް ލިބުނު ދެ ވަނަ ފަހަރެވެ.

ސާޓާ އެވޯޑަށް ސައުތު އޭޝިޔާގެ 5 ޤައުމަކުން ވާދަކުރެއެވެ. އެއީ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ދިވެހިރާއްޖެއެވެ. މިއަހަރުގެ އެވޯޑް ހަފްލާގައި 36 ދާއިރާއަކުން ވަނީ އެވޯޑު ދީފައެވެ.

މޯލްޑިވިއަންއަކީ 2000 ވަނަ އަހަރު އެންމެ ދެ މަތިންދާ ބޯޓާއެކު ދަތުރުތައް ފެށި ކުންފުންޏެކެވެ. މިހާރު މަތިންދާ ބޯޓުތަކުގެ ފްލީޓްތައް އިތުރުވެ 23 މަތިންދާ ބޯޓެއް މިހާރު ބޭނުންކުރަމުން އަންނައިރު، ރާއްޖޭގައި އެއާޕޯޓް ގާއިމްކޮށްފައިވާ ހުރިހާ މަންޒިލަކަށާއި، ރިސޯޓްތަކަށް އަދި ރާއްޖެއިން ބޭރުގެ އެތައް މަންޒިލަކަށް މިއަދު މޯލްޑިވިއަން އިން ދަތުރު ކުރެއެވެ.