ޗައިނާގައި މިއަދު ފެށި އައިޓީބީ ފެއާގައި 45 ކުންފުންޏަކުން 100 މަންދޫބުން ބައިވެރިވާ ކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ބުނީ އައިޓީބީގެ ޗައިނާގެ އޮފިޝަލް ޕާޓްނަރެއް ގޮތުގައި ރާއްޖެއިން މިއަހަރު ބައިވެރިވާ އިރު، މި ފެއާ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޗައިނާގެ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައި ކަމަށެވެ.

ޗައިނާގައި މިއަދު ފެށި އައިޓީބީ ފެއާގައި ބައިވެރިވާ މަންދޫބުން

މި ފެއާއަކީ ޗައިނާގެ ޓްރެވަލް މާކެޓަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފެއާއެކެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައީ ވެސް ޗައިނާ އިންނެވެ. އެގޮތުން ޗައިނާ އިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 95،263 އަށް އަރައެވެ. ލިސްޓުގެ ދެވަނަައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް 85،873 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 80،962 ފަތުރުވެރިން އަައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް އައި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ޗައިނާގައި.

މި ފެއާއަކީ ފަތުރުވެރިކަމާ ބެހޭ އިޝްތިހާރުތަކާއި އެންމެ ފަހުގެ އޮފާތަކާއި އަމިއްލަ ޕްރޮޑަކްޓުތައް ޕްރޮމޯޓް ކުރުމުގައި މުހިންމު ފެއާއެކެވެ. އެ ފެއާގައި ރާއްޖޭގެ ސަގާފަތާއި ކެއުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ލިބޭނެއެވެ. މީގެއިތުރުން އެމްއެމްޕީއާރުސީން އިވެންޓުތަކާއި ޕްރެސް ކޮންފަރެންސްތައް ދީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ޗައިނާ ރައްޔިތުން މުހިންމުވާ މިންވަރު އޮޅުންފިލުވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އައިޓީބީ ފެއާގައި ރާއްޖޭގެ އެންމެ އިސް މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކޮށް ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި ފެމިލިއަރައިޒޭޝަން ޓްރިޕްސް، މާކެޓިން ކެމްޕެއިންތައް އަދި މަގްބޫލު އެއާލައިންތަކާއި ގުޅިގެން މާކެޓިން ފުޅާކުރުމަށް މަސައްކަތް ކުރާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެއާތައް ބާއްވައިފައެވެ. އެގޮތުން ސްޕެއިން އާއި ޖަރުމަނާއި ދުބާއީ ފަދަ ގައުމުތަކުގައި މި ފެއާތައް ވަނީ ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު