މިދިޔަ އޭޕްރީލް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 310 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު ހަ އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހު މި އަދަދުވަނީ 4.7 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ފާއިތުވި އޭޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ އޭޕްރިޅް މަހާ އަޅާބަލާއިރު، 0.5 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު 308 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 310 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރެވެ. އިންޑިއާއިން 761 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 777 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

އޭގެ އިތުރުން ޔޫއޭއީ އިން 467 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާ އިން 722 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 537 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ވަނީ އެތެރެކޮށްފައެވެ.