މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓަރސް (އަޔާޓޯ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ މަޓާޓޯ އާއި އަޔާޓޯގެ ނެޓްވޯކްތައް އަދި ވަސީލަތްތައް ބޭނުންކޮށްގެން ދަތުރުފަތުރާއި ސަގާފީ ކަންކަމަށް ފުރުސަތުތައް މަގުފަހިކުރުމަށާއި އުފެއްދުމަށް އަދި ދެ ގައުމުގެ މެދުގައި ފަތުރުވެރިކަން ކުރިއެރުވުމުގައި މުހިންމު މޭލުދަނޑިއެއް ކަމަށް މަޓާޓޯ އިން ބުނެއެވެ.

މި އެއްބަސްވުމުގެ މުހިންމު މަގުސަދުތަކުގެ ތެރޭގައި ޖޮއިންޓް މާކެޓިން އިނިޝިއޭޓިވްސް މެދުވެރިކޮށް ބައިލެޓަރަލް ޓޫރިޒަމް ކުރިއެރުވުމާއި، ހިދުމަތުގެ މިންގަނޑުތަކާއި އޮޕަރޭޝަނަލް އެފިޝަންސީތައް ރަނގަޅު ކުރުމަށް އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމާއި، ގުޅިގެން އިވެންޓްތަކާއި ރޯޑްޝޯ އަދި ފެއާތައް އިންތިޒާމްކުރުމާއި، ދެގައުމަށް ވެސް ފައިދާހުރި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުސޫލުތައް ޕްރޮމޯޓްކުރުން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަޓާޓޯއިން ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރ، މުނޫ މަހާވަރުއާއި ބައްދަލުކޮށްފައެވެ.

މި މަޝްވަރާތަކުގައި ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމުގައި ރޯޑްޝޯގެ މުހިންމުކަމަށް އަލިއަޅުވާލައި، ފަތުރުވެރިކަމުގެ ގުޅުންތައް އިތުރުކުރުމަށް އެއްބާރުލުން އިތުރުކުރުމާއި، އެންމެ ފައިދާކުރުވަނިވި ގޮތަށް ރޯޑްޝޯ ކުރިއަށްގެންދާނޭގޮތުގެ ތަފްސީލީ ޕްލޭންތަކާއި، ދެފަރާތުގެ ވިސްނުމާއި ސަޤާފީގުޅުން ބަދަހިކުރުމާއި، އެއްބާރުލުން ހޯދުމަށް އެއްބަސްވިއެވެ. އަދި ރޯޑްޝޯ ކާމިޔާބުކަމާއިއެކު ކުރިއަށްގެންދިއުމަށް އެއާލައިންތަކާއި ހޮޓަލްތަކާއި ޓްރެވަލް އެޖެންސީތައް ހިމެނޭ ގޮތަށް ސްޓޭކް ހޯލްޑަރުންގެ ވާގި ލިބުމުގެ މުހިއްމުކަމަށްވެސް މަޝްވަރާތައް ކުރި ކަމަށް މަޓާޓޯ އިން ބުންޏެވެ.

މި ބައްދަލުވުމަށްފަހު މަޓާޓޯ އިން ބުނީ ކުރިއަށް އޮތް ރޯޑްޝޯ އަކީ ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގެ ބާޒާރަށް ދައްކާލުމަށް ފަރުމާކޮށްފައިވާ، އެންމެ ރަނގަޅު ފްލައިޓްގެ ދަތުރުފަތުރު އޮންނަ މުމްބާއީ، ނިއުދިއްލީ އަދި ބެންގަލޫރުފަދަ ބޮޑެތި ސިޓީތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އިވެންޓެއް ކަމަށެވެ.

މަޓާޓޯ އަކީ ރާއްޖޭގައި ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް ހާއްސަ ޖަމްއިއްޔާއެކެވެ.

މަޓާޓޯއަކީ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ މަސްލަހަތު ތަމްސީލުކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ފައިދާހުރި ސިޔާސަތުތަކަށް ވަކާލާތުކޮށް، ރާއްޖެއަކީ ފަތުރުވެރިކަމުގައި އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ދަމަހައްޓަން މަސައްކަތްކުރާ މުއައްސަސާއެކެވެ.

އަޔާޓޯއަކީ މުޅި އިންޑިއާގެ 1،800 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ އިންޑިއާގެ އެންމެމަތީ ޓްރެވަލް ޓްރޭޑްގެ އެއް މުއައްސަސާއެވެ. އަޔާޓޯއަކީ އިންޑިއާގައި ފަތުރުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމާއި، މަތީ ފެންވަރުގެ ޚިދުމަތެއް ކަށަވަރުކުރުމާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ދަތުރުފަތުރުގެ ތަޖުރިބާ ރަނގަޅުކުރުމަށް ބައިނަލްއަޤްވާމީ ޕާޓްނަޝިޕްތައް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ޖަމްއިއްޔާއެކެވެ.