އެމްއެމްޕީއާރުސީ އާއި ޗައިނާގެ ވީޗެޓާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޗައިނާގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގެ ތެރެއިން ބޭއްވި އެ ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދެވެ. އަދި ވީޗެޓްގެ ރީޖަނަލް ޑައިރެކްޓާ ފޯ ސައުތުއީސްޓް އޭޝިއާ އޭޓީއެން އެންގްއެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ އިސް ބޭފުޅުންނާއި ވީޗެޓްގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީން ބުނެފައި ވަނީ މި އެއްބަސްވުމާ އެކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިއުޓީ ފްރީ އާއި ސަލަ ތައި އަދި ބަންޔަން ޓްރީ ވައްބިންފަރުގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑުގައި ވީޗެޓްގެ ބޭނުން ކުރެވޭނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ފަތުރުވެރިންނަށް ވީޗެޓް ބޭނުންކޮށްގެން ފަސޭހަކަމާއެކުގައި ފައިސާ ދެއްކުމުގެ އިތުރުން މި ތަޖުރިބާގެ ބޭނުން ހިފުމަށް އެމްއެމްޕީއާރުސީން އެހީތެރިވެދޭނެއެވެ.

ވީޗެޓް ޕޭއާއެކު ޗައިނާ ފަތުރުވެރިންގެ އެންމެ މަތީ މަންޒިލަކަށް ރާއްޖެ ވެގެންދާނެ: ފައިސަލް

ވީޗެޓް ބޭނުންކުރުން ފަސޭހަކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމެންޓު ސިސްޓަމުގެ ތެރެއިން ވީޕޭ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަން މި މަހުގެ މެދުތެރޭގައި އެ ބޭންކުން ވަނީ އިއުލާންކޮށްފައެވެ. ވިޔަފާރިތަކަށް ޗައިނާގެ މަގްބޫލު އެ އެޕުން ކިއުއާރު ޕޭމަންޓްތަކަށް ފައިސާ ބަލައިގަނެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ވީޗެޓަކީ ޗައިނާގައި ވަރަށް މަޝްހޫރު އެއްޗެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް އައިއިރު ލައްކައަކާ ގާތް ކުރާ އަދަދަކަށް ޗައިނާ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.