ދިރާގުގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތަފާތު އެކި ޕްރޮމޯޝަންތަކާއި ހަދިޔާތައް ދޭން އެ ކުންފުނިން ނިންމައިފިއެވެ.

އެގޮތުން 30 ވަނަ އަހަރީ ދުވަހުގައި ދިނުމަށް ނިންމާފައިވާ ބޮޑެތި ހަދިޔާތަކުގެ ތެރޭގައި ދިރާގުން ވަނީ ނަސީބުވެރި 30 ފަރާތަކަށް ބޭނުން 30 މަންޒިލަކަށް ހުރިހާ ހަރަދެއް ހިމެނޭ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިއެވެ. ގުރުއަތު ލުމަކުން ހޮވާލެވޭ މި އަގު ހުރި އިނާމު ހޯދުމަށް ދިރާގު ހުރިހާ ކަސްޓަމަރުންނަށްވެސް ބައިވެރި ވެވޭނެއެވެ. މި ގުރުއަތު ލުމުގައި ބައިވެރި ވުމަށް ކަސްޓަމަރުން އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ.

މީގެ އިތުރުން، މި ދުވަހުގެ މުނާސަބަތުގައި، ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ފެށުނު އޮކްޓޯބަރ މަހު %30 އިތުރު ޑޭޓާ ހަދިޔާ ކުރަން ވަނީ ނިންމާފައެވެ.

އަދި ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް 1 ޖީބީ ޑޭޓާ މުޅިން ހިލޭ ދިމުނަށްވެސް ވަނީ ނިންމާފައެވެ. މި ޑޭޓާ ޕެކް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއި އެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ހޯއްދެވޭނެއެވެ. އެސްއެމްއެސް މެދުވެރިކޮށް މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރެއްވުމަށް އެސްއެމްއެސް ފޮނުއްވާނީ “ADD D1GB” ޖައްސަވާފައި 343 އަށެވެ. މި ޑޭޓާ ޕެކް އޮކްޓޯބަރ 1 2018 އަދި އޮކްޓޯބަރ 3 2018 އަށް އެކްޓިވޭޓް ކުރެއްވޭނެއެވެ. އަދި އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެއްވޭނެއެވެ.

މީގެއިތުރުން އަހަރީ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައިވެސް ވަނީ ޕްރޮމޯޝަނެއް ފަށާފައިއެވެ. އެގޮތުން، ދިރާގު ފޭސްބުކް، ޓްވިޓާ އަދި އިންސްޓާގްރާމްގައި ދިރާގުގެ އަހަރީ ދުވަހުގެ ޕްރޮމޯ ޕޯސްޓަށް، ފޭސްބުކްގައި ނަމަ "ހާރޓް ރިއެކްޓް" ، ޓުވިޓަރ ގައި "ފެވަރިޓް" އަދި އިންސްޓަގްރާމްގައި ނަމަ "ލައިކް" އެއް ދެއްވުމުން ނަސީބުވެރި 30 ފަރާތަކަށް ގޫގްލް މިނި ހޯމް އެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ދިރާގުން ބުނާ ގޮތުގައި އަހަރީ ދުވަހުގެ މި ހަދިޔާ ތަކާއި ޕްރޮމޯޝަން ތަކަކީ، ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދޭ ހަދިޔާތަކެއް ކަމަށެވެ. އަދި މިއީ ދިރާގާއެކު ކަސްޓަމަރުން ތިބުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ހަދިޔާތަކެއް ކަމަށްވެސް ދިރާގުން ހާމަކުރެއެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ މި 30 އަހަރުގެ ދިގު ހިދުމަތުގައި، ކަސްޓަމަރުންނާއި ޕާރޓްނަރުން ކުރައްވާ އިތުބާރަށް ފަށް ފަށުން ޝުކުރު ދަންނަވާ ކަމަށާއި ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ ނުހަނު އުފަލާއި އެކު ކުރަމުން އަންނަ ގައުމީ މަސައްކަތެއް ކަމަށެވެ.

"ދިރާގުގެ މި 30 އަހަރުގެ ކާމިޔާބީގެ ފަހަތުގައި ވަނީ އަޅުގަނޑުމެންގެ ހީވާގި އަދި މަސައްކަތްތެރި މުވައްޒަފުން ކަން ކަށަވަރު. އެހެން ކަމުން މި ފުރުސަތުގައި ދިރާގަށް މަސައްކަތްކޮށްދެއްވި އަދި މަސައްކަތްކުރައްވަމުންގެންދާ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް އިހުލާސްތެރިކަމާއި އެކު ޝުކުރުދަންނަވަން. ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮތުން" ސީއީއޯ ވިދާޅުވިއެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންނަށް ވަނީ ދިރާގު ހެޑް އޮފީހުގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ދިރާގުގެ ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި ވަރަށް ފޯރިގަދަ ހަރަކާތްތަކެއް ކުލަ ގަދަ ގޮތެއްގައި ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެރަ

    މަމެން ޔޫސަރސް އަކީ މިކަމުގަ ނުހިމެނޭ ބައެއްބާ؟ ހުރިހާ މިފަދަ ކަމަކުން މަމެން ބޭނުންކުރާ ފަރާތްތައް ތިބެނީ އެއްކިބާ ވެފަ. ވަރަށް ދެރަ ކޮންމެއަކަސް...

  2. ބޮޑުހަސަންބެ

    ހިލޭ ތި ދެއްވާ 1ޖީބީ ވަރަ ސްލޯ.