ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ތައާރަފް ކުރި ފުރަތަމަ ބޭންކް އެކައުންޓްކަމަށްވާ ބީއެމްއެލް ކިޑްސް ސޭވަރ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އެކައުންޓް ހުޅުވާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި މާސްޓަރކާޑު ގެ ޕްރިޕެއިޑް ކާޑަކަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ބީއެމްއެލް އިން ވަނީ ހުޅުވާލާފައެވެ.

މިކާޑަކީ ބޭނުން އަދަދެއް އެކާޑަށް ޖަމާކުރެވޭނެ ކާޑެކެވެ. މި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ކިޑްސް ސޭވަރ އެކައުންޓް ނިސްބަތްވާ ކުއްޖާގެ ނަމުގައެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އުމުރުން އަށާރަ އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓާއެކު މި ކާޑު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އިތުރު 3 ފަރާތަކަށް 5،000 ރުފިޔާވެސް ލިބިގެން ދާނެ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

ކިޑްސް ސޭވަރ އެކައުންޓް އޮޕަރޭޓްކުރެވޭނީ އެ ކުއްޖެއްގެ މަންމަ ، ބައްފަ ނުވަތަ ގާނޫނީ ބެލެނިވެރިއަކަށެވެ. މި އެކައުންޓް ދިވެހި ރުފިޔާ އާއި ޑޮލަރުންވެސް ހުޅުވޭއިރު އެކައުންޓްގައި ބަހައްޓަންޖެހޭ އެންމެ ދަށް އަދަދަކީ 100 ރުފިޔާ އަދި 10 ޑޮލަރެވެ. ކިޑްސް ސޭވަރ އެކައުންޓް އޮޕްރޭޓްކުރާ ފަރާތަކުން ބޭނުންވާ ގޮތަކަށް އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. މި ގޮތަށް ޖަމާކުރާއިރު އެއްވެސް ޗާޖެއް ނުނަގާނެއެވެ. އަދި މީގެ އިތުރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކައުންޓް ބަލާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ފަރުމާކުރެވިފައިވަނީ ދިގުމުއްދަތެއްގައި ކުދިންގެ މުސްތަޤްބަލަށްޓަކައި ރައްކާކުރާ ފައިސާ އެ ކުދިންނަށް އުމުރުން 18 އަހަރުވުމުން އެ ފައިސާގެ ބޭނުން ހިފޭ ގޮތަށެވެ. މި ގޮތުން މި އެކައުންޓްގައި ހުންނަ ފައިސާ މަތީ ތަޢުލީމް ހޯދުމަށް ބީއެމްއެލް އިން ދޫކުރާ ކިޔަވާލޯނުގެ އިކުއިޓީ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ. ބޭސްފަރުވާ އަށާއި ކުއްޖާގެ ކިޔެވުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދެއްކުރުމަށްޓަކައި މި އެކައުންޓުން ކޮންމެ މަހަކު އެއްފަހަރު ފައިސާ ނެގުމުގެ ފުރުސަތު ބެލެނިވެރިޔާ އަށް ލިބޭނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އަށް ގުޅާލުމުން އެޕޮއިންޓްމަންޓް ހަމަޖެހިގެންދާނެއެވެ.