ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފެށުމަށް ތައްޔާރުވަމުން އަންނަ "މަންތާ އެއަރ"ގެ ފްލީޓުގައި ހިމެނޭ ފުރަތަމަ ބޯޓު ރާއްޖެ އަތުވެއްޖެއެވެ. މި ބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މަންތާ އެއަރ އިން ހާމަކޮށްފައިވާ ގޮތުގައި މި ބޯޓު ރާއްޖެ އައިސްފައިވަނީ ޑެންމާކުގެ ބިލުންޑް އެއަރޕޯޓުން ފުރައިގެންނެވެ.

އަންނަ މަހުގެ ތެރޭގައި މަންތާ އެއަރގެ އުދުހުންތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އުދުހުންތައް ފެށުމުގެ ގޮތުން މިހާތަނަށް ދެ މަތިންދާބޯޓު ވަނީ ގަނެފައެވެ. އޭގެތެރެއިން އެއް މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފައިވާއިރު، ދެވަނަ މަތިންދާބޯޓު މި އަހަރު ނިމުމުގެ ކުރިން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މަންތާގެ އުދުހުންތައް ފެށުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ފުރަތަމަވެސް ރާއްޖޭގެ ތިން އެއަރޕޯޓަކަށް ދަތުރުތައް ކުރުމަށްވަނީ ނިންމާފައެވެ. އެއީ، ބ. ދަރަވަންދޫ އެއަރޕޯޓާއި، ދ. ކުޑަހުވަދޫ އެއަރޕޯޓު އަދި ތ. ތިމަރަފުށީ އެއަރޕޯޓެވެ. މީގެއިތުރުން، ބައެއް އަތޮޅުތަކަށް ސީޕްލޭންގެ ޚިދުމަތްތައް ދިނުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

މި އެއަރލައިނުގެ އުދުހުންތައް ފެށުމުން، މަންތާ ވެގެންދާނީ ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ތިންވަނަ އެއަރލައިނަށެވެ.