ކާޑުގެ އަގު ހެޔޮ ކުރަން ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތައް ކާޑުގެ އަގު ހެޔޮ ކުރުމުގެ ބަދަލުގައި މާލެ އާއި އެއް އަގެއްގައި ކާޑުގެ ބާވަތްތައް އަތޮޅުތެރޭގައި ވެސް ވިއްކަން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް 4 ވަނަ ދުވަހުން ފެށިގެން ހަނޑޫ ބަސްތާއެއް އެސްޓީއޯ އިން ވިއްކާނީ 240 ރުފިޔާ އަށެވެ. ހަކުރު ބަސްތާއެއް 241 ރުފިޔާއެއް އަދި ގޮދަންފުށް ބަސްތާއެއް 190 ރުފިޔާއަށް ވިއްކައެވެ. އަގަށް ގެނައި ބަދަލާއި އެކު އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް މިއަގަށް ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށް ރައީސް ޞާލިހް މިއަދު ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 01 އޭޕްރިލް 2019 މާލެއާ އެއްއަގެއްގައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހަނޑޫ، ހަކުރު، އަދި ގޮދަންފުށް ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ނިންމެވި ނިންމެވުން ތަންފީޒުކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން ގެންދާ ކަމަށެވެ.

މިގޮތުން، އެސްޓީއޯ ކާޑު އެޖެންޓުން ހޯދުމަށް އިއުލާންކޮށް، އެކަމަށް އިޖާބަދިން ފަރާތްތަކުގެ ހުށަހެޅުންތައް ބަލައި އެސްޓީއޯ ކާޑު އެޖެންޓުން މިހާތަނަށް 112 ރަށެއްގައި ވަނީ އައްޔަން ކޮށްފައި ކަމަށާއި އަދި އިތުރު 10 ރަށަކަށް ހޮވިފައިވާ އެޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް އެކުންފުނިން މިވަގުތު ދަނީ ތައްޔާރުވަމުން ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ. މީގެ އިތުރުން، އެސްޓީއޯ ކާޑު އެޖެންޓުކަމަށް މިހާތަނަށް އެކަށީގެންވާ ހުޅަހެޅުމެއް ލިބިފައިނުވާ 61 ރަށަކަށް އެޖެންޓުން ހޯދުމުގެ މަސައްކަތްވެސް ރަސްމީ އިދާރާތަކާ ގުޅިގެން އެސްޓީއޯއިން ދަނީ ކުރަމުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ ކާޑު އެޖެންޓުންނަށް ކާޑު ދޫކުރުމުގެ މަސައްކަތް އެކުންފުނިން މާރޗް 26 ގައި ވަނީ ފަށާފައެވެ. ވުމާއެކު، އެސްޓީއޯ ކާޑު އެޖެންޓުން މިހާތަނަށް ހަމަޖެހި، ސަޕްލައި ކުރެވިފައިވާ ރަށްރަށުގައި މި އަގުތަކުގައި މިއަދުން ފެށިގެން ކާޑު ގަންނަން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ވީހާވެސް އަވަހަކަށް ހުރިހާ ރަށަކަށް އެޖެންޓުން ހަމަކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކާޑުގެ ބާވަތްތަކުގެ އަގު 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ބޮޑު ކުރިއެވެ. ނަމެވެސް 2018 ވަނަ އަހަރުގެ އޭޕްރިލް މަހު ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ ކުރިއެވެ.

ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މާލެއިން ގަނެގެން ނާލު ދީގެނ ގެންދާނީ. އޭރުން ގަތް އަގު ހެޔޮ ވާނެތާ!

    24
    10
  2. ޕޮކަންޑިމޭން

    އަބަދުވެސް ނަންވާނީ ޔާމީން.އިންތިހާބާއި ދިމާކޮށް ކަރަންޓް އަދި ކާޑުގެ އަގުހެޔޮކުރަމުން އެމްޑީޕީވެސް މިދަނީ.އަމިއްލަ އެދުން ނޫން އެއްޗެއް އެމްޑީޕީގެ ނެތް.

    62
    26
  3. ހިޔާލު

    ތިއީ ހިތުން ވޯޓް ހޯދަން ކޮށްލި ވަރަށް މޮޅު ކަމެއް. ރައްޔިތުން ލޮލުގަ އަދުން އަޅުވާފަވެސް އެބަޖެހޭ އިންތިހާބް ކާމިޔާބު ކުރަން.

    27
    6
  4. ޞިރާޠު

    މިހާރު ހަނޑުބަސްދާއެއް 245 ރުފިޔާއަށް ލިބޭއިރު އަލަށްގެނައި ބަދަލާއެކު ބަސްދާއަކުން ފަސްރުފިޔާ ހެޔޮވެއެވެ. އިންތިޚާބުނިމުމުން އެސްޓީއޯ ބަގުރޫޓްވަނީއޭބުނެ އަގުތައް ބޮޑުވާނޭކަމީ ޝައްކެތް ނެތްކަމެކެވެ. އެ އެއްޗަކުން ނެރެވޭނީ އެ އެއްޗެއްގައި ހުރި ދިޔައެކެވެ. އަމިއްލަ އެދުމަށްޓަކައި ( ވޯޓުގެ އެދުމުގައި ) ނެތް ދިޔައެއް ފެލައިގެން ނެރެންފެށިމާ ދެންވާނެ ހަތަރެތި ވާތަން ފެންނާނެއެވެ. ދިވެހިން ކޮންމެވެސް މި މަޅީގައި ނުޖެހެއްޗެވެ.

    26
    5
  5. ބްރޯ

    މާލެއަށް އަގު ދަށް ނުކުރީއްޔާ އަގު ދައްކުރިކަމަކަށް ނުވޭތަ. މާލެއިން ބޭރު ރައްތަކުގައި އުޅޭ ފަރާތްތަކަށް ކާޑުގެ އަގު ދަށް ކުރި ކަމަށްޓަކައި ޝުކުރިއްޔާ. ހުރިހާ މޮޅެއް މާލެ މީހުނަށް ލިބޭކަށް ނުޖެހޭ!

    31
    6
  6. މިއީ އަގުހެޔޮކުރުން ނޫންތަ؟

    - ކުރިން 240ރ. އަށް ވިއްކަމުން ދިޔަ ހަނޑޫ ބަސްތާއެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 199ރ. އަށް.
    - ކުރިން 241ރ. އަށް ވިއްކަމުން ދިޔަ ހަކުރު ބަސްތާއެއް މިއަދުން ފެށިގެން ވިއްކާނީ 200ރ. އަށް.
    - ކުރިން 190ރ. އަށް ވިއްކަމުން ދިޔަ ފުށް ބަސްތާއެއް ދެން ވިއްކާނީ 149ރ. އަށް.

    މިއީ އަގުހެޔޮ ކުރުމެއް ނޫންތަ؟

    22
    2
  7. ދދދދދދ

    އެއީ އަގު ހެޔޮ ކުރީޔޯ. ރީނދޫ މީހުން ޕާޓީ ބާއްވަމުން ދަނީ އަގުހެޔޮކަމުން. އެހެންނޫނަސް ދިވެހިން އާންމުކޮށް މިހާރު ކަނީ ބާސްނަތީ. އެ އަގުހެޔޮ ވިތަ؟ ހީލަތް ނޫން އެއްޗެއް އެބަ ހަދާތަ؟

    1
    6
  8. ޜަނާ

    ޜަގަޅެއްނު ހުރިހާ މީހުނަށް ވެސް އެއްއަގެއްގަ ލިބުނީމަ މާލެ މީހުނަށް ވަކި އަގުހެޔޮ ވާކަށް ނުޖެހޭ