މެއި މަހުގެ 06 ވަނަ ދުވަހު ފެށޭ މިއަހަރުގެ ރަމަޟާން މަހު މާލޭގައި ވިޔަފާރިވެރިންނަށް މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އިއުލާން ކުރި ގަޑިތައް ބުނާ ގޮތުން މުދާ އުފުލޭނެ ވަގުތުތަކަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 ކަމަށާއި، އަދި ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.

މިވަގުތުތަކުގައި ހުރިހާ ބާވަތެއްގެ މުދަލާއި ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި މުދާ އުފުލޭނެ ކަމަށް އިއުލާނުގައި ވެއެވެ.

ހެނދުނު 09:00 އިން ފެށިގެން 15:00 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ، 350 ކިލޯގުރާމަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި މުދާ އުފުލޭނެ ކަމަށް އެ މިނިސްޓްރީގެ އިއިލާނުގައި ވެއެވެ.

ހަވީރު 15:00 އިން ފެށިގެން 21:00 އާއިދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާކަމެއް އިއުލާނުގައި ވެއެވެ.

ބްރިޖުން މުދާ އުފުލާނަމަ، 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް މުދާ އުފުލޭނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

މި ގަޑިތަކުގައި މުދާ އުފުލޭނީ ރަމަޟާން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

ރަމަޟާން މަސް ކައިރިވަމުން އަންނައިރު މިހާރު ވެސް ވިޔަފާރިތަކަށް ވަނީ ބާރުބޮޑުވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިލާވަޅު

    ކޮބައިތޯ ޓްރެފިކް ފުލުހުން ރޯދަމަހު ހަރަކަތްތެރިވާ ގޮތުގެ ތަފްސީލް. މަގުމަތީ ހާލަތު ފަސޭހަވާނޭހެން ފުލުހުންގެ އަތުގައި ހުރި ޑާޓާއަށް ބަލާ އިފެކްޓިވް ޕްލޭންއެއް އިމްޕްލިމެންޓް ކުރަން ޖެހޭ. އިސްލާމިކް މިނިސްޓަރީ މިސްކިތްތައް ކައިރި ތޮއްޖެހުން 3 މުއައްސަސާ ގުޅިގެން. ފަޔަރު ސިފައިން. ޢެމްބިއުލަންސް ކޮންމެ ވަގުތެއްގައިވެސް މަގުތަކުން ދަތުރު ކުރެވެގޮތައް..

    1
    1