ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ ގެ މުޅިން އާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯބައިލް ފޯނާއި އެން.އެފް.ސީ ބޭނުންކޮށްގެން ތަކެއްޗާއި ހިދުމަތްތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެ ގޮތަށް ތައާރަފް ކޮށްފައިވާ ދިރާގު ޕޭގެ މި ޕްރޮމޯޝަންގެ ދަށުން އެ ހިދުމަތް މެދުވެރިކޮށް 25 ޓެކްސީ ދަތުރަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން އޮޓޮމެޓިކުން ގުރުއަތު ލުމެއްގައި ބައިވެރި ވެވޭނެއެވެ.

އަދި މި ގުރުއަތު ލުމުން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލެޓަށް 1500 ރުފިޔާ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ހަމައެކަނި މާލޭގައި ކަމަށްވާއިރު މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގު ޕޭ ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރ މަހުއެވެ. އަދި މި ހިދުމަތް ލިބޭ 100 އަށް ވުރެ ގިނަ ވިޔަފާރި މިހާރު ހުރެއެވެ.