ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019 ގެ ގާލާ އެޑިޝަންގައި ލީޑިންގް ލޯކަލް ކެރިއާއަކަށް މޯލްޑިވިއަން ހޮވިއްޖެއެވެ.

މަޓާޓޯ ޓެްރެވެލް އެވޯޑްސް 2019ގެ ގާލާ އެޑިޝަން އޮތީ އިއްޔެ ކްރޮސް ރޯޑުގައެވެ.

އައިއޭއެސް އިން ހިންގަމުން އަންނަ މޯލްޑިވިއަން އަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވައިގެ ދަތުރުތައް ކުރަމުން އަންނަ އެއް އެއާލައިނެވެ. މި އެވޯޑް މޯލްޑިވިއަން އިން ކާމިޔާބު ކޮށްފައިވަނީ ވިލާ އެއާއާއި ޓްރާންސް މޯލްޑިވިއަން އެއާވޭސްއާއި ވާދަ ކޮށްގެންނެވެ.

މޯލްޑިވިއަންއިން މި އެވޯޑް ކާމިޔާބު ކޮށްފައިވާއިރު، ލީޑިންގް އިންޓަނޭޝަނަލް ކެރިއާގެ އެވޯޑް ކާމިޔާބު ކޮށްފައިވަނީ ސްރީލަންކަން އެއާލައިންސް އިންނެވެ. ލީޑިންގް ލޯ ކޮސްޓް ކެރިއާގެ އެވޯޑް ކާމިޔާބު ކޮށްފައިވަނީ އެއާ އޭޝިއާއިންނެވެ. އަދި ލީޑިންގް އެއާޕޯޓް/ ސިޓީ ހޮޓެލް އެވޯޑް ހާސިލުކުރީ ހުޅުމާލޭގައި ހުންނަ އެއާޕޯޓް ބީޗް ހޮޓެލްއިންނެވެ.

ޓްރެވަލް އެވޯޑްސްގައި އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ އާންމުންގެ ވޯޓަކުންނާއި އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ މާކްސްއަށް ބެލުމަށް ފަހުގައެވެ.