އެސްޓީއޯގެ ސުޕަމާކެޓްގެ ބޮޑު ބައެއް ކުދި ވިޔަފާރިތަކުން ވިޔަފާރި ކުރުމަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުއެވެ.

އަމްރު ވިދާޅުވީ، މި ސުޕަމާޓް ކުދި ވިޔަފާރިތަކަށް ދޫކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައި ވާކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ދޫކުރުމަށް ހަމަޖެހިފައި ވަނީ އެ ފިހާރައިގެ ތަރުކާރީ އަދި މޭވާ ވިއްކަމުންދާ ބައި ކަމަށެވެ.

އެގޮތުން މިއަންނަ މަހުގެ ތެރޭގައި މޭވާ ވިއްކުމަށް ހަވާލުވެފައިވާ ވިޔަފާރިން އެމަސައްކަތް ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ މި ފެށޭ ހަފްތާގެ ތެރޭގައި، އެސްޓީއޯ ސުޕަމާޓުގައި ހުންނަ ފްރިޖް ބައި ދޫކުރުމަށް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި މިމަސައްކަތް ހަވާލު ކުރެވޭ ފަރާތުން އަމިއްލަ ވިޔަފާރިއެއް ގޮތުގައި ކުކުޅު، އަދި އެހެންވެސް މަހުގެ ބާވަތްތަކާއި، ފިނިކުރި ކާބޯތަކެތި އެސްޓީއޯގައި ވިއްކޭނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

އަމްރު ވިދާޅުވީ މިއީ އަލަށް ވިޔަވފާރިއެއް ފަށައިގަތުމަށް ބޭނުންވާ ފަރާތްތަކަށް އޮތް ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން އެފަރާތްތަކުން މަހުން މަހަށް ކުލި ދައްކާ ކަމުގައިވާނަމަ ތަން ސާފު ކުރުމާއި، ކަރަންޓު އަދި ފިހާރައިގައި ތިބޭނެ މުވައްޒަފުން ހޯދުމާއި މެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ، މިސާލަކަށް ދެއައިޓަމެއް ނުވަތަ ތިން އައިޓަމެއް ރާއްޖެ އެތެރެ ކުރާ ކުޑަ ވިޔަފާރިއެއް، އެ ވިޔަފާރިއަކުން ނުޖެހޭނެއޭ އޭތި ވިއްކާކަށް ފިހާރައެއް ހަދާކަށް، ފިހާރައެއް ހަދަންޏާ ދެއައިޓަމެއް ތިން އައިޓަމެއް ލައިގެން ނުއެސް ހިންގޭނެ. ދެން އޭނާ އަނެއްކާ ވިޔަފާރި ކުރިއަރުވަން ޖެހެނީ އެހެން ތަންތަނުން މުދާ ގެނެސް ފިހާރައަށް ލައިގެން. އެހެންވީމަ ބޭކާރުހަރަދެއް އެބަދޭ ހަމައެކަނި މިކަންކަމަށް" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިއީ ކުދި ވިޔަފާރިތަކަށް މިހާރަށްވުރެ ފައިދާ ކުރުވަނިވި ގޮތަކަށް ކުރިއެރުވުމަށް އެހީތެރިވި ގޮތުން އެސްޓީއޯ އިން ކުރަމުންދާ ކަމެއް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގލ

    އެސްޓީއޯއަށް ގެއްލުން ވަމުންދާކަމުގެ ހެއްކެކެވެ

    11
    1