ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރި މިސްރާބާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނެކަމަށް ބެލެވެނީ 7.5 އިންސައްތައިގަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަހަރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ހުންނާނެކަމަށް ބެލެވެނީ 1.0 އިންސައްތައިގަކަމަށެވެ.

މިއަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 24.7 ބިލިއަން ރުފިޔާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 12 އިންސައްތަ އިތުރު މިންވަރެއްކަން ރައީސްވަނީ ރިޔާސީ ބަޔާންގައި ފާހަގަކުރައްވާފައެވެ.

ހިނގަމުން މިދާ 2020 ވަނަ އަހަރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާކަމަށް ރިޔާސީ ބަޔާންގައިވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމްލަ 23.1 ބިލިއަން ރުފިޔާއެވެ.މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ޚަރަދަކީ 28.3 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 5.2 ބިލިއަން ރުފިޔާއެވެ.

ރައީސް ވިދާޅުވީ މިއަހަރާއި އަންނަ އަހަރުގެ ބަޖެޓަށް ފަހު އަމާޒު ހިފާނީ ދަރަނި ކުޑަ ބަޖެޓަކަށް ކަމަށެވެ.

"މި އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރެކޯޑް މިންވަރަކަށް ބޮޑު ބަޖެޓެއް. އަދި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީވެސް، ބޮޑު ބަޖެޓަކަށް ވާނެ. ސަބަބަކީ، މިއަހަރާއި އަންނަ އަހަރަކީ، އަޅުގަނޑުމެންގެ ތަރައްޤީގެ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފަށަން ރާވާފައިވާ ދެ އަހަރު ކަމަށްވާތީ. އެއަށްފަހު އަޅުގަނޑުމެން އަމާޒު ހިފާނީ، ދަރަނި ކުޑަ ބަޖެޓަކަށް. މިއީ ރަނގަޅު ރޭވުމެއްގެ މަތިން، އަމާޒެއް އޮވެގެން ކުރަމުން އަންނަ މަސައްކަތެއް." ރައީސް ވިދާޅުވިއެވެ.

މިއަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް 818 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 753 މިލިއަން ޔޫ.އެސް ޑޮލަރު. އަދި މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި، 818 މިލިއަން ޔޫއެސް ޑޮލަރު ހުންނާނެކަމަށް ބެލެވޭ. މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 315 މިލިއަން ޔޫއެސް ޑޮލަރު." ރައީސް ވިދާޅުވިއެވެ.