މި އަހަރުގެ ރިޔާސީ ބަޔާނަކީ އިންތިހާބީ ވައުދުތައް ވުމަށް ބޭނުންކުރި ބަޔާނެއް ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ން ބުނެފި އެވެ.

އެމްއެންޕީން އެގޮތަށް ބުނީ މި އަހަރުގެ މަޖިލިސް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް އެ ޕާޓީން ދިން ޖަވާބުގަ އެވެ.

އެމްއެންޕީން ބުނީ ރިިޔާސީ ބަޔާނަކީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ޒިންމާއެއް ކަމަަށެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުގައި ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ ކަމަށެވެ.

އެމްއެންޕީން ބުނީ މި އަހަރުގެ ރިޔާސީ ބަޔާނުގެ ފެށުމުގައި ސަރުކާރުގެ ކުރިމަތީގައި ތިބޭނީ ހަމަހަމަ ދިވެހިން ކަމަށާއި އަދި ރާއްޖެއަށް ގެންނަވަން ވައުދުވެފައިވާ ބަދަލުގެ ފަހަތުގައިވަނީ، ރައްޔިތުންގެ އުފާފާގަތި ދިރިއުޅުމާއި، ބާއްޖަވެރިކަމާއި ތަނަވަސްކަމާއި ފުދުންތެރިކަން ކަމަށް ބަޔާންކޮށްފައި އޮތް ކަމަށެވެ.

"އެހެން ނަމަވެސް، މި އަހަރުގެ ރިޔާސީ ބަޔާނުން ފެނިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ރިޔާސީ ބަޔާން އިއްވުމުގެ ބާރާއި ޒިންމާ، މި އަހަރުގެ ރިޔާސީ އިންތިހަބަށް ވަޢުދުތަކެއް ވެވަޑައިގަތުމަށް ބޭނުންކުރެއްވިތަން. އަދި ދައުލަތުގެ ހިންގުމުގެ ސިޔާސަތަކީ، ގައުމީ ވިސްނުމާއި ރޭވުންތެރިކަމެއް ނެތި، ފެންފައިބާ ތަންތަނުގައި ޕެޗް އެޅުމުގެ ވިސްނުމުން ހިންގަވާ ސިޔާސަތެއްކަން ފެނި ހާމަވެގެން ދިޔަ ތަނެވެ." އެމްއެންޕީގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ރާއްޖޭގައި އަވަހަށް ހައްލުކުރަންޖެހޭ ސީރިއަސް މައްސަލަތަކެއް ހުރިއިރު، އެކަންކަމުގެ ހައްލުތަކުގެ ވާހަކަނެތި، ވޯޓަށްޓަކައި މީހުން ރުއްސުމަށް ދޭ ހަދިޔާތަކެއްގެ ވާހަކަ މުޅި ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ ކަމަށް ވެސް އެމްއެންޕީން ބުނެފައި ވެއެވެ.

އެ ބަޔާނުން މުޅި ދައުލަތް އެކުގައި ހިންގާނޭ ގޮތުގެ ތަސައްވުރެއް ރައީސް އާއި އަދި ސަރުކާރުގައި ނެތްކަން ހާމަވެގެން ދިޔަ ކަމަށް ވެސް ބުނެފައި ވެއެވެ. އެއާއެކު މިހާރުވެސް އެކި ފަންތީގެ މީހުންގެ މެދުގައި ހުރި ތަފާތުތައް ހުރިގޮތަށް ބަހައްޓަވައިގެން "ސްޓޭޓަސް ކޯ" ދަމަހައްޓަވައިގެން، ޒިންމާދާރުކަމެއް ނެތި ހަރަދުތަކެއް ކުރެއްވުމުގެ އިއުލާނުތަކެއް ކުރެއްވިތަން ރިޔާސީ ބަޔާނުން ފެނިގެން ދިޔަ ކަމަށް އެމްއެންޕީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވާންޖެހެނީ މިހާރު މނޕ އައްތަ..އޮ ޅިއްޖެ މައިނޯރިޓީ ޕާޓީ ވެސް..މނޕއަކީ އިބޫ ގެންގު ޅޭ ކު ޅޭ ބުދެއް ދައުލަތުން ބައިނަގާ މު ޅޯއްޓެ..

  2. މޫސަ

    މީނަ މިހާރު ކުރަމުންދާ މަސައްކަތުގައި ބުންވަރު އެބަހުރި. ވަރަށް ފައްކާ އިނގޭ