ރާއްޖެއަށް ވަންނަ ޑޮލަރުގެ 60 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް މާރުކުރާ ގޮތަށް ގާނޫނު ބަދަލުކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް އެގޮތަށް ވިދާޅުވީ ރޭ ސަންގު ޓީވީން ގެނެސްދިން ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

ނާޒިމް ވިދާޅުވީ އޭނާ ވެރިކަމަށް އަންނަނީ ރާއްޖެއަަށް އިގުތިސާދީ އިންގިލާބީ ބަދަލެއް ގެންނަން ކަމަށެވެ. އަދި ވަރުގަދަ ބަދަލެއް ގެންނާނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި ދަރަނި އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި ދަރަންޏަކީ ރީސްޓްރަކްޗާ ކޮށްގެން ކުރެވޭނެ ކަމެއް ކަމަށެވެ.

އަދި އާނާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ނާޒިމް ވައުދުވެވަޑައިގެންނެވި އެވެ.

"ހަމަ އެއާއެކީ ރާއްޖޭގެ އިގުތިސާދު ވަރުގަދަ ކުރުމަށްޓަކައި މަސައްކަތް ކުރާނަން. އަޅުގަނޑަށް އެބަ ފެނޭ ދިވެހީންނަކީ މުއްސަނދި ބަޔަކަށް ހެދޭތަން. އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގެ އެއާޕޯޓް ދެ އަހަރުގެ ތެރޭގައި ނިންމާނަން. ހަމަ އެއާއެކީ ނުނިމި ހުރި ރިސޯޓުތައް ނިމުމަކަށް ގެންނާނަން. ހަމަ އެއާއެކީ އޭގެން ލިބޭ ނަފާ އިތުރުކުރާނަން." ނާޒިމް ވިދާޅުވި އެވެ،

އޭގެ އިތުރުން މިހާރު އޮތް ފަތުރުވެރިކަން ބަދަލުކޮށް އެޑްވެންޗާ ފަތުރުވެރިކަމަކަށް ބަދަލު ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މަސްވެރިކަމުގެ ސިނާއަތް އިތުރުކޮށް އޭގެން ލިބޭ އާމްދަނީ އިތުރުކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ބޮޑުތަނުން ކުޑަކުރާނެ ކަމަށް ވެސް ނާޒިމް ވައުދުވެވަޑައިގެންނެވި އެވެ.

"ރާއްޖޭގެ އިންފްލޭޝަން ކުޑަކުރުމަށްޓަކައި ޑޮލަރުގެ ރޭޓް 15.42 އަކަށް ބަދަލުކުރުމަށްޓަކައި ރާއްޖެއަށް ލިބޭ ޑޮލަރު ބޭންކުުތަކަށް 60 ޕަސެންޓް މާރުކުރާ ގޮތަށް ގާނޫނުގެ ތެރެއިން ބަދަލުކޮށް ރާއްޖޭގެ ކަރަންސީ ސްޓެބަލައިޒް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވާލަން" ނާޒިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެން އެ ބޭންކުގެ ވަލު ދޮރާށިން ނެރެ އަގުބޮޑުކޮށް ވިއްކާނީ ދޯ…މިހާރުވެސް ބޭންކުތަކުން ބްލެކް މަރކެޓް ހިންގާކަން އެއީ ހަގީގަތް…

  2. އަބްދޫ

    ބޭންކްތަކަށް ޑޮލްރު ޖަމާނުވޭ. ރެސޯޓް ތަކަކށް ޑޮލަރު ނާދޭ. ކޮޓަރި ގަންނަނީ ބޭރުގެ ޓުވަރ އެޖެންޓުން. އެޖެންޓުން އޯނަރުބުނާ އެކައުންޓަކަށް ޕޭކުރަނީ.ރާއްޖޭގަ ހުންނަނީ ބިދޭސީން ހިނަގާރެސޯޓް. ހަމަނުޖެހޭވާހަކަ ތިދައްކަނީ