ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެއިން ފޮނުވާލާ، ސިއްރު އެއްބަސްވުންތައް ހާމަކުރާނެ ހަމައެކަނި ބޭފުޅަކީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެ ޕާޓީގެ ނައިބް ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރު ގައުމުގެ ސިފައިން ރާއްޖެއިން ފޮނުވާލުމާއި، ސިއްރު އެއްބަސްވުންތައް ހާމަ ކުރުމާއި ބޭރު ގައުމެއްގެ އަޅުވެތި ކަމުން ރާއްޖެ ސަލާމަތްކުރާ ވާހަކަތައް ދައްކަވަން ރައީސް ސޯލިހަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ.

މި މައްސަލަތަކަށް ސާފު ހައްލެއް ހޯދައިދޭނެ ހަމައެކަނި ބޭފުޅަކީ ނާޒިމް ކަމަށް ދުންޔާ ވިދާޅުވިއެވެ.

ރޭ ސަންގު ޓީވީން ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގައުމީ ސަލާމަތާއި ބެހޭ ވާހަކަ ދައްކާއިރު ބޭރު ސިފައިންގެ ވާހަކަ ދައްކައިގެން އެކަނި ނުފުދޭ ކަމަށެވެ. އަދި ހަގީގަތަކީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން އެގްރިމަންޓްތައް ބުނާ ގޮތަށް ބޭރު ސިފައިން ތިބި ކަމަށާއި ހެލިކޮޕްޓަރުތައް ދުއްވަން ވެސް ބޭރުގެ ސިފައިން އެބަ ތިބި ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެގްރިމަންޓްތައް ބުނާ ގޮތުން ދިވެހީން ތަމްރީންކޮށްފައި އެމީހުން [ބޭރު ސިފައިން] ދާން ޖެހޭނެ. އިންޑިއާ އައުޓް ޖަހައިގެން މަގުމައްޗަށް ނިކުމެ ހަޅޭއްލަވައިގެން ސިފައިން ބޭރެއް ނުކުރެވޭނެ. އަޅުގަނޑުގެ ސިޔާސަތު ވަރަށް ތަފާތު. ޑިޕްލޮމަސީ ބޭނުންކޮށްގެން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރެއްގައި މި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ރާއްޖެއިން އިރާދަ ކުރެއްވިއްޔާ ބާލާނަން. އެކަމާ ދޭތެރޭ ޝައްކު ނުކުރައްވާތި،". ނާޒިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކުރިމަތިވެފައި ވާއިރު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވެފައި ވަނީ އެންމެ ބޮޑު އެއް މައުލޫއަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    މި 5 އަހަރު ނާޒިމު ތިކަމަށް އަޑު އުފުލަންވެސް ނުކެރި އެހެރީ ކީއްވެ؟ ތިކަމަށް ކެނޑިނޭޅި ވަކާލާތުކުރި މީހަކޫ މުއިއްޒު. މިފަހަރު ހަމަ އެއްބުރުން މުއިއްޒު

    6
    2
  2. ޢަލީ ބުނީ

    ވެރިކަމުގެ ވަސްޖެހޭ ހިސާބައްވެސް ނުދެވޭނެ.

  3. ގައުމީ ލޯބި

    އެއްބަނޑު އެއްބަފާ މީހާއަށް އަކީ ދޮގުހަދާ މީހެކޭތޯ ތިޔަވިދާޅުވެލައްވަނީ.. ؟

  4. އަހަންމަދު

    ދުންޔާ ހުވަފެނެއް ބަލާ ވައްތަރު އެބަޖަހާ.

  5. ނަރުގިސް

    ދުންޔާ ގެ ބައްޕާފުޅު ގެ ދައުރު ގަވެސް އިންޑިއަރ މޙުން ވެސް އެހެން ގައުމުތަކުގެ ސިފައިންވެސް ތިބި !