ރާއްޖެއަށް މުދާ އެތެރެކުރުމަށް، ބައެއް ގައުމަކަށް މޯލްޑިވިއަނުން ކާގޯ ފްލައިޓްތަކެއް ބާއްވަން ނިންމައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ކާގޯ ފްލައިޓްތަކެއް ބާއްވަން ނިންމީ ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖެ އަށް ފްލައިޓްތައް އައުން ވަނީ ވަރަށް ބޮޑަށް މަދުވެފައި ވުމުން މުދާ ގެނައުމުގައި ވިޔަފާރިވެރިންނަށް ދައްޗެއް ފޯރިޔަ ނުދިނުމަށެވެ.

މޯލްޑިވިއަން އިން ބުނީ މުދާ ގެންނަން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ޓްރިވެންޑްރަމް އާއި ޗެންނާއީ އާއި ތައިލެންޑް އަދި ދުބާއީ އަށެވެ. ޑިމާންޑް އޮތް ވަރަކަށް އިތުރު ގައުމުތަކަށް ވެސް ދަތުރުކުރާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަން އިން ބުނީ ކާގޯ ފްލައިޓްތަކާއި ގުޅޭ އިތުރު މައުލޫމާތު މޯލްޑިވިއަންގެ 7977926 ނަމްބަރު ފޯނުން ލިބޭނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރާއްޖެ އަށް ދަތުރުތައް ހުއްޓާލާފައި އޮންނަ މުއްދަތުގެ ތެރޭގައި އެކި ގައުމުތަކުން ވައިގެ މަގުން ގެންނަންޖެހޭ މުދާ ގެންނާނެ ގޮތްތަކެއް ހަމަ ޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އިއްޔެ ވިދާޅުވީ މޭވާ އާއި ތަރުކާރީ ފަަދަ ބާވަތްތައް ގެންނަން އަވަށްޓެރި ސްރީލަންކާއަށް ދަތުރުކުރެވޭނެ އިންތިޒާމެއް ހަަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އެގައުމުން ދީފައިވާ ކަމަށެވެ. އަދި އެފަދަ ދަތުރުތައްް އިންޑިއާ، ތައިލެންޑް އަދި ޔޫއޭއީ އަށް ކުރެވޭނެ ގޮތެއް ހޯދަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފްލައިޓް ދަތުރުތައް ރާއްޖެ އަށް ކުރާ މިންވަރު މަދުވުމުން ބައެއް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ. ނަމަވެސް ކާބޯތަކެތީގެ ގިނަ ބާވަތްތައް އެތެރެކުމުގައި ދައްޗެއް ނެތެވެ. ކުރިއެކޭ ވެސް އެއްގޮތައް ކަނޑުމަގުން މިހާރު ވެސް ރާއްޖެ އަށް މުދާ އެތެރެކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު