ށ. ގާކޮށިބީގައި ތަރައްގީކޮށްފައިވާ ފެއާމައުންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ހަބަރުތައް ގެނެސްދޭ ނޫސްތައް ބުނާގޮތުގައި، އެ ރިސޯޓުގައި 120 ލަގްޒަރިއަސް ވިލާ އިންނައިރު، ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއްވެސް އިނދެއެވެ. އަދި އެ ވިލާތަކަކީ އެތަށް ބައެއްގެ ހިތްތަށް ފަތަހަކޮށްލާނެ ފަދަ ފަރުމާއަކަށް ހަދާފައިވާ ވިލާތަކެއްކަމަށްވެސް ވެއެވެ.

އެ ރިސޯޓުގައި 200 މީޓަރުގެ ބޮޑު ސްވިމިންގ ޕޫލަކާއި، ފިޓްނެސް ސެންޓަރަކާއި، އާޓް އެންޑް ފޮޓޯ ސްޓޫޑިއޯއެއްގެ އިތުރުން ސްޕާއެއްވެސް އިނދެއެވެ.

ހަބަރުތަކުގައި ބުނާގޮތުގައި، މިއީ އާއިލާއާއެކު އައުމަށްވެސް ވަރަށް ރީތި ރިސޯޓެކެވެ. ކުޑަކުދިންނާއި ކުދިންނަށް ކުޅެވޭނެ ގާޑެން އޭރިއާއަކާއި، އެ ކުދިންނަ ހާއްސަ ސްވިމިންގ ޕޫލެއްގެ އިތުރުން، ކިޑްސް ކްލަބެއްވެސް އިނދެއެވެ.

އޭގެ އިތުރުން އެ ރިސޯޓުގައި މޫދު އަޑީގެ ސްކަލްޕްޗާރ މިއުޒިއަމެއް ހިމެނޭއިރު، އެންމެ ފެންވަރު ރަނގަޅު ކެއުންތައް ލިބޭނެ ތިން ރެސްޓޯރެންޓްވެސް އެ ރިސޯޓްގައި ހުންނާނެ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.