ކޮވިޑް-19 އާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ވަކިކުރަން، ނޫނީ މުސާރަ ކުޑަކުރުމުގެ ވިސްނުމެއް މިހާތަަނަށް ނެތް ކަމަށް އެ ކުންފުނީގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މޫސާ ވަސީމް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަކަށް ވެސް އޭގެ އަސަރު ކުރާ ކަމަށާއި މޯލްޑިވިއަންގެ ވިޔަފާރިއަށް ވެސް އެ އަސަރުކޮށްފައިވާ ކަމަށެވެ.

މޫސަ ވިދާޅުވީ، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ޒަރީއާއިން ކަމަށް ވާއިރު، ފަތުރުވެރިކަން ދަށްވެ ދަތުރުފަތުރުދަށްވުމުގެ ސަބަބުން މޯލްޑިވިއަން އަށް ވެސް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

" ދަތުރުފަތުރު މަދުވުމާއި އެކީގަ، އަޅުގަނޑުމެންނަށް ވެސް އޭގެ ގެއްލުން ނުވަތަ އޭގެ އަސަރު އެބަ ފެނޭ އިނގޭތޯ. އެހެންނަމަވެސް އަޅުގަނޑުމެންގެ އަދި ވިސްނުމެއް ނެތް މުވައްޒަފުން މަދު ކުރާކަށް. އަޅުގަނޑުމެން މި ޤަބޫލުކުރަނީ މިހާރު ހަމަތިބި މުވައްޒަފުންނާއި އެކީގަ، އަދިވެސް ކުރިއަށް ގެންދެވޭނެ ކަމަށް. ދެން އެހެން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އަޅުގަނޑު ޤަބޫލުކުރަނީ އެކަމާއި ގުޅުން ހުރި އިދާރާތަކާއި އެކީގައި މަޝްވަރާކުރެވިގެން ބަދަލުތަކެއް ގެންނާނެ ކަމަށް." އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަން އިން ނޫސްވެރިން އަށް މައުލޫމާތު ދެއްވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މޫސަ ވިދާޅުވީ، ކޮވިޑް-19އާއި ގުޅިގެން މޯލްޑިވިއަން އަށް ލިބެމުންދާ ގެއްލުމުގެ ޖުމްލަ އަދަދު އަދި ބުނެދޭން ނޭނގޭ ކަމަށެވެ. އަދި ކުންފުނީގެ ދަތުރުފަތުރު މަދުވުމުން ވިޔަފާރި އަށް ބޮޑު ލޮޅުމެއް އަރާފައިވާކަން މޫސަ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް މޯލްޑިވިއަނުން ޚަރަދުކޮށްގެން މިހާރުވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ މޯލްޑިވިއަންގެ އުދުހުންތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ"، މޫސަ ވިދާޅުވިއެވެ..

މިހާރުވެސް މޯލްޑިވިއަންގެ ޚަރަދު ކުޑަކުރަން ކުރެވިދާނެ ކަންކަމާއި މެދު ފިނޭންސް މިނިސްޓްރީ އާއި އެކު އެ ކުންފުނިން ދަނީ މަޝްވަރާކުރަމުންނެވެ.

މީގެ އިތުރުން ސަރުކާރުންވެސް ވަނީ މޯލްޑިވިއަން އަށް ބައެއް ލުއިތައް ދިނުމަށް ނިންމާފައެވެ.

މޯލްޑިވިއަނުން ބުނީ އެފަދަ ލުއިތައް އެ ކުންފުންޏަށް ލިބޭ ކަމަށް ވާނަމަ އާއްމުންނަށް ޚިދުމަތްދޭ އަގުތައް މިހާރަށް ވުރެ ތިރިކުރައްވާނެކަމަށެެވެ.

އަދި ހަމައެހެންމެ އަތޮޅުތަކުގެ ދަތުރުތައް މިވަގުތު މަދު ވެފައި ވަނީ ޑިމާންޑް ދަށްވުމުން ކަމަށާ، އިތުރު ފްލައިޓްތަކަށް ޑިމާންޑް އޮންނަ ނަމަ އެ ދަތުރުތައް އިތުރު ކުރުމަށް ވިސްނަވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޚާއްސަކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ރިސޯޓްތަކުން އަރާ ފޭބުން މަނާކޮށްފައި އޮތް ދުވަސްތައް ނިމުމަކަށް ގެނައުމުން، ފުރާ މީހުން ދަތުރު ކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް މިހާރުވެސް މަޝްވަރާކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު