ރާއްޖޭގެ އެންމެ އުތުރާއި ދެކުނު ގުޅުވާލަދީ އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ސީދާ ދަތުރު ފަށަން މޯލްޑިވިއަން އިން
ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އިން މިއަދު ވަނީ ކޮންމެ ހަފްތާއަކު މި ދެ ސިޓީ ދެމެދު ދަތުރު ކުރާގޮތަށް ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ. މި ދަތުރުގެ ޓިކެޓްގެ އަގަކީ ކޮޅަކަށް 1444 ރުފިޔާއެވެ.

މޯލްޑިވިއަން އިން ބުނީ، މި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީން އައްޑޫ ސިޓީ ގަމަށް، އަދި ހޮނިހިރު ދުވަހު އައްޑޫސިޓީ ކަމުން ކުޅުދުއްފުށި ސިޓީއަށް ކަމަށެވެ. އަދި މި ދަތުރުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓްރާންސިޓެއް ކުރާނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

"ފިއުލްއަޅަން ވިއްސަކަށް މިނެޓް ޓްރާންސިޓްކުރާއިރު ފަސިންޖަރުން ބޯޓްގައި މަޑުކުރާނެ. މިއީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން މި ދެ ސަރަހައްދުގައި އިޤްތިޞާދީ ހަރަކާތްތަކެއް ހިންގޭނެ މަގު ފަހިކުރުމުގެ ގޮތުން ޝެޑިއުލްކުރާ ދަތުރުތަކެއް". މޯލްޑިވިއަން އިން ބުނެފައި ވެެެއެވެ.

ކޮވިޑް-19އާ ގުޅިގެން އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށާއިރު އެތެރޭގެ އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށްވެސް ދަތުރު ކުރުމަށް ޝެޑިއުލްކޮށްފައިވެއެވެ. އެގޮތުން ދަރަވަންދޫން ހަނިމާދޫއަށް، ތިމަރަފުށިން ކައްދުއަށްވެސް ވަނީ ދަތުރު ޝެޑިއުލްކޮށްފައެވެ.

މޯލްޑިވިއަން އިން ބުނީ އަލުން ދަތުރުތައް ފަށާއިރު މޯލްޑިވިއަންގެ އެޕުންނާއި ވެބްސައިޓު މެދުވެރިކޮށްވެސް މިހާރު ޓިކެޓް ގަނެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު