ބޭންކް އޮފް މޯލްޑިވްސް އިން 40 ކޭޝް އެޖެންޓުންނާއެކު އަތޮޅުތެރޭގައި ކޭޝް ޑިޕޮސިޓް އަދި ޕޭމަންޓް ސަރވިސްގެ ހިދުމަތް ފުޅާކޮށްފިއެވެ.

މި ހިދުމަތާއެކު، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މުޅިރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

ބީއެމްއެލް އިން ބުނީީ، މިއަދާ ހަމަޔަށް 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް ދަނީ ފޯރޮކޮށްދެމުން ކަމަށެވެ. އަދި މިއަދާ ހަމަޔަށް ގާއިމްކޮށްފައިވާ ޑިޕޮަސިޓް ހިދުމަތް ފޯރުކޮށްދޭ 40 ރީޓެއިލް ފިހާރަ މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލް އިން ބުނެފައި ވެެއެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކުގެ ޕީއޯއެސް ވިއުގަ މެދުވެރިކޮށް ދެވޭ ކޭޝް އެޖެންޓް ހިދުމަތަކީ މުޅިރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސްޓެރެޓެޖީގެ ދަށުން ކާމިޔާބުކަމާއެކު ހިދުމަތްދެވެމުންދާ މޮޑެލްއެއްކަމަށެވެ.

"އޭޓީއެމްއެކޭ އެއްފަދައިން ކަސްޓަަމަރުންނަށް ކޭޝް އޭޖެންޓް ހިދުމަތްވެސް ބޭނުންކުރެވޭނެ. މިގޮތުން ކަސްޓަމަރުގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ނެގުމާއި، ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބިގެންދާނެ. ބޭންކިންގ ހިދުމަތް ހޯދުމަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރއެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދޭނެ." ސީއީއޯ ވިދާޅުވެފައި ވެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 58 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 121 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަނާ

    ބީއެމް އެލް ވަރެއްނެތް އުއްމީދު ކުރަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އޭ.ޓީ އެމް އެއް ބަހައްޓާނެކަމަށް.

    1
    1
  2. ނަައީމް

    މެޝިނުން ރުފިޔާ ނަގާ ކޮންމެ ފަހަރަކު އެކައުންޓުން 10ރުފިޔާ ކެނޑޭ މީ ކުޑަކުޑަ ރުފިޔާކޮޅު ގެންގުޅޭ މީހުނަށް ވަރަށް ބޮޑުގެއްލުމެއް މިރުފިޔާ ކަސްޓަމަރުގެ އެކައުންޓުން ނުކަނޑާ ވާނެގޮތެއްނެއްތޯ؟؟؟؟؟<؟<

  3. ފަރުގާލު

    ކޯޗެއް!! އަނގަ ފުޅާވީ!