ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ގައި ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލުން ހިއްސާދާރުންނަށް ފޮނުވި ނޯޓިސްގައި ބުނެފައިވާ ގޮތުގައި މި ޖަލްސާ އޮންނާނީ މި މަހު 31 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، "ފަހިވޯޓް" މެދުވެރިކޮށެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލާނެއެވެ. އަދި މިމަހުގެ 29 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެކަމަށް ބީއެމްއެލްގެ ނޯޓިސްގައި ބުނެފައިވެއެވެ.

އަހަރީ އާއްމު ޖަލްސާގައި ބައިވެރިވޭނީ މި މަހު 18 އާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް އެކަންޏެވެ.

ޖަލްސާއަށް ޕްރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" http://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.

ބީއެމްއެލްގެ ހިއްސާއަކަށް 26 ރުފިޔާ ބަހަން ކުންފުނީގެ ބޯޑު ޖަލްސާގައި ފާސްކޮށްފައިވާތީ އަހަރީ އާންމު ޖަލްސާގައި މިކަން ފާސް ކުރާނެއެވެ. ބީއެމްއެލްގެ ބޯޑު ޖަލްސާގައި ފާސްކޮށްފައިވަނީ ހިއްސާއަކަށް 26 ރުފިޔާގެ މަގުން ޖުމްލަ 139 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާށެވެ.

ޖަލްސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ ނުވަތަ ޖަލްސާގެ އެޖެންޑާއަކަށް އެއްވެސް ސުވާލެއް ހުށަހަޅަން ބޭނުންވާ ނަމަ [email protected] އަށް މެއިލް ކުރުމަށް ބީއެމްއެލުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު